ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 18:41
ނޭޕާލް އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
ނޭޕާލް އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސައުތް އޭޝިއަން ގޭމްސް
ނޭޕާލް އަތުން ބަލިވެ، މެޗަކުން މޮޅުނުވެވި ފިރިހެން ފުޓުބޯޅަ ޓީމަށް މުބާރާތް ނިމިއްޖެ
މި މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާ އަކުން
މިއީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ނެރުނު އެންމެ ދަށް ނަތީޖާ

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލް އަތުން ބަލިވެ، މެޗަކުން މޮޅު ނުވެވި، ފިރިހެން ފުޓުބޯޅަ ޓީމަށް މުބާރާތް ނިމިއްޖެއެވެ.

ދަޝަރާތު ސްޓޭޑިއަމުގައި ހޮނިހިރު ދުވަހު މެންދުރުފަހު ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 2-1 ނަތީޖާ އަކުންނެވެ.

ނޭޕާލުގެ 10،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ރާއްޖެއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ހުސެއިން ޝިފާއު (ކުރޯ) ގެ އެހީތެރިކަމާއި އެކުގައެވެ.

މި ލަނޑާއެކު ރާއްޖެއިން ކުރިޔަށްޖެހި އެޓޭކްތައް އިތުރަށް ވަރުގަދަ ކުރިއެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއަށް ވަނީ ލަނޑު ޖަހަން އިތުރު ފުރުސަތު ތަނަވަސް ކޮށްފައެވެ. ނަމަވެސް ރާއްޖެއިން ފޮނުވާލި ހަމަލާތައް ގޯލާއި އަމާޒު ވާގޮތެއް ނުވިއެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ބޭކާރުވުމުގެ ފައިދާ ނޭޕާލުން ވަނީ ނަގައިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭޕާލުން ވަނީ ރާއްޖޭގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ އަބިޝޭކެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ނޭޕާލުން ވަނީ ދެވަނަ ހާފުގެ ކުރީ ކޮޅު ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 51 ވަނަ މިނެޓުގައި އަނަންތާއެވެ. މި ލަނޑާއެކު ނޭޕާލު ކުޅުންތެރިން ވަނީ މެޗު ލަސް ކުރަން މަސައްކަތް ކޮށްފައެވެ. އަދި ނޭޕާލު ޓީމުން ވަނީ ލީޑު ނެގުމަށްފަހު ވަރަށް ބޮޑަށް ޑިފެންސްކޮށް ރާއްޖޭގެ އެޓޭކްތައް ހުއްޓުވާފައެވެ.

މި ނަތީޖާއާ އެކު ރާއްޖެއިން މުބާރާތް ނިންމާލާން ޖެހުނީ މެޗަކުން މޮޅުނުވެވިއެވެ. ރާއްޖެ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ އާއި ދެކޮޅަށް ނުކުތްއިރު، އެ މެޗު ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ. ދެވަނަ މެޗުގައި ރާއްޖެއިން ކުޅެން ނުކުތީ ބަންގްލަދޭޝާއި ދެކޮޅަށެވެ. މި މެޗު ވެސް ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ. ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި ރާއްޖެއިން ކުޅެން ނުކުތީ ބޫޓާނާއި ދެކޮޅަށެވެ. މި މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާ އަކުންނެވެ.

މިއީ ސައުތު އޭޝިއަން ގޭމްސް ގައި ރާއްޖޭގެ ފުޓުބޯޅަ ޓީމަކުން ނެރުނު އެންމެ ދަށް ނަތީޖާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް