ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 10:13
މުޒާހަރާގައި ކުޑަ ކުއްޖަކަށް އަނިޔާވެފައި
މުޒާހަރާގައި ކުޑަ ކުއްޖަކަށް އަނިޔާވެފައި
އަލްޖަޒީރާ
އިރާޤްު މުޒާހަރާ
އިއްޔެ ބަޣްދާދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި 19 މީހަކު މަރާލައިފި
މަރުވި 19 މީހުންގެ ތެރޭގައި 03 ފުލުހުން ހިމެނޭ
މުޒާހަރާ ވަނީ ހަމަނުޖެހުމަކަށް ބަދަލުވެފައި
މުޒާހަރާގެ ބައިވެރިންނަށް ވަޅިން ހަމަލާދީފައިވޭ

އިރާޤުގެ ވެރިރަށް ބަޣްދާދުގަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 19 މީހަކު މަރާލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް ގޮތް ނޭނގޭ މީހަކު ވަދެ ދިން ބަޑީގެ ހަމަލާތަކުގައި 19 މީހަކު މަރާލާފައިވެއެވެ. އަދި 19 މީހުންގެ ތެރޭގައި 03 މީހުންނަކީ ފުލުހުން ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހުކުރު ދުވަހު ބަޣްދާދުގެ ތަހްރީރީ މައިދާނުގަ ބޭއްވި މުޒާހަރާގެ ތެރޭގައި ދިން ބަޑިއާއި، ވަޅީގެ ހަމަލާތަކުން 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އިރާޤުގެ ބޮޑުވަޒީރު އާދިލް ޢަބްދުލް މަހްދީ އިސްތިޢުފާ ދެއްވުމަށް ގޮވާލާ ފެށި ޞުލްޙަވެރި މުޒަހާރާތައް މިހާރު ހަމަނުޖެހުމަށް ބަދަލުވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ކޭންޕްކޮށްފައިވާ ޞަރަޙައްދަށް ޕިކަޕު ޓްރަކެއް ވަދެ ބަޑީގެ ޙަމަލާތަކެއް ދިނީ ކާކުކަމެއް އަދިވެސް އިރާޤު ފުލުހުންނަށް ހޯދިފައެއް ނުވެއެވެ. އިރާޤު ފުލުހުން ބުނާގޮތުގައި، އަލްސިނާޒް ބްރިޖް ކައިރީ މުޒާހަރާގެ ބައިވެރިން ކޭންޕު ކޮށްގެންތިބި ޢިމަރާތަށް ބަޑިން ޙަމަލާދީ އެތަނުގައި އަލިފާން ރޯކޮށްލާފައެވެ.

އިރާޤުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ އިސްތިއުފާ ދޭނެ ކަމަށް މީގެ ހަފުތާއެއް ކުރިން އިޢުލާންކުރި ނަމަވެސް އިސްތިޢުފާ ދެއްވާފައެއްނުވެއެވެ. ބަޣްދާދުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 400 އަށްވުރެ ގިނަ މީހުން މަރުވެ، 20،0000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް