މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދޭ ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ހުކުރު ދުވަހު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެސެންޓަރުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަށް ނައިބް ރައީސް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެ ސެންޓަރުގެ ފައުންޑަރ އަދި ސީއީއޯ ސިސިލް ޖޯޖުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނޭޝަނަލް ޑްރަގް އެޖެންސީގެ އިސްފަރާތްތަކުންނެވެ.
އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.
އަދި މި މަސައްކަތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާއި މުޖްތަމަޢުގެ އެއްބާރުލުން ލިބުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުވާދެވޭ ފަރާތްތައް އަނބުރާ މުޖުތަމަޢުގެ ތެރެއަށް ނެރުމުގެ މަރުޙަލާތައް އަވަސްކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރުގައި ގިނަ އަދަދެއްގެ ދިވެހިންނަށް ފަރުވާދެމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ރާއްޖެއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ދެމުންގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި އެސެންޓަރުގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައެވެ.
އަދި ދިވެހިންގެ ތެރެއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެ ސެންޓަރުން ވެދެމުންދާ އެހީތެރިކަން އެގޮތުގައި ކުރިޔަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިތްވަރުދެއްވާފައިވެއެވެ. ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަކީ 12 މަރުޙަލާއަކަށް ބަހާލައިގެން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފުޅާދާއިރާއެއްގައި ފަރުވާދޭ މަރުކަޒެކެވެ. އެގޮތުން މި މަރުކަޒުގެ ފަރުވާގެ ތެރެއިން ކަސްރަތާއި ސާފުތާހިރުކަމަށް އިސްކަންދިނުމާއި ޚާއްސަ ސަމާލުކަމެއެ ދެވެއެވެ. މި ސެންޓަރުގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ.