ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި ގުޅިގެން ސަރުކާރުން ޗައިނާއާއި މަޝްވަރާކުރަމުން ދާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު ސްރީލަންކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާއި ބައްދަލުކުރައްވުމަށް ފަހު އެގައުމުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން، ޗައިނާއިން ނަގާފައިވާ ލޯންތައް އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމުން އެކަމަށް ހައްލެއް ހޯދުމަށް ޑިޕްލޮމެޓިކް ލެވެލްގައި މަޝްވަރާ ކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ.
އެގޮތުން، އާރުއެފްއައި އިން ރިޕޯޓުކޮށްފައިވާގޮތުން، ޔާމީންގެ 5 އަހަރުގެ ދައުރުގައި ސަރުކާރުން ޗައިނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާކަމަށާއި ޗައިނާއިން އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެ ގައުމުގެ ނުފޫޒު ގަދަކުރުމަށް މަސައްކަތްކުރަމުންދާކަމަށެެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ލަންކާގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އެކި ދާއިރާތަކުންވެ ރާއްޖެ ތަރައްގީކުރުމަށްޓަކައި ގިނަ އެހީތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް މި ފައިސާ އަނބުރާ ދައްކާނެ ރަނގަޅު އުސޫލެއް ކުރީ ސަރުކާރުން ގާއިމްކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ޗައިނާއިން 1.4 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ލޯން ނަގާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ލޯނުތަކަށް އަނބުރާ ދައްކަން ޖެހުމާއި ގުޅިގެން އިގްތިސާދަށް މިކަމުގެ ހިޔަނި އެޅިފައިވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލޯންތަށް އަނބުރާ ދެއްކުމަށް އިތުރު ގޮތްތަކެއް ހޯދަމުން ދާކަމަށާއި ޗައިނާގެ ސަރުކާރާއި ގުޅިގެން އެކަމުގެ އެއްބަސްވުމަކަށް އާދެވޭނެކަމާމެދު އެއްވެސް ގޮތަކަށް ޝައްކު ނުކުރައްވާކަމަށެވެ.
މިނިސްޓަރ ޝާހިދު ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ވަނީ ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނައާއި ވަކި ވަކިން ބައްދަލުކޮށް ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމާއި މަޝްވަރާކުރައްވާފައެވެ.