ކޮރަޕްޝަންގެ ދައުވާ ސާބިތުވެ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޔަތް ކުރިޔަށް ގެންދިޔަ ގޮތާއި ބެހޭ ގޮތުން ބޭރުގެ ގިނަ ގައުމުތަކުން ހިތްހަމަ ނުޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ބުނެފިއެވެ.
ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެ 5 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ދައުލަތަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައި ވެއެވެ.
ރައީސް ޔާމީން އަށް ކުރި ހުކުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ބޭރުގެ ފަރާތްތަކާއި ހިއްސާ ކުރެއްވުމަށް ޕީޕީއެމް ނައިބް ރައީސް އަހުމަދު ޝިޔާމް އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވަނީ ލަންކާ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެ ދަތުރު ނިންމަވާލެއްވުމަށް ފަހު ބުރާސްފަތި ދުވަހުގެރޭ ރާއްޖެވަޑައިގެން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ނައިބް ރައީސް ވިދާޅުވީ، ޔާމީން މައްޗަށް އިންސާފުން ބޭރުން ކޮށްފައިވާ ހުކުމަކީ އިދިކޮޅު ކޯލިޝަނުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އެކަމާއި ދެކޮޅަށް ރާއްޖެއިން ބޭރުގައިވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ލަންކާ އަށް ކުރެއްވި ދަތުރުގެ ތަފްސީލު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވީ، ކޮލަމްބޯގައި ހުރި ރާއްޖެއާ ގުޅުން އޮންނަ ހުރިހާ މިޝަންތަކުގެ އިތުރުން ބައިނަލްއަގްވާމީ އެކި ފަރާތްތަކާއި އެކު ބައްދަލުވުން ތަކެއް ބޭއްވުނު ކަމަށެވެ. އެ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދޭން ޖެހުނު މައިގަނޑު ސަބަބަކީ އެއީ ސިޔާސީ ހުކުމަކަށްވުމުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ބޭރުގެ ފަރާތްތަކުންވެސް ޔާމީން އަށް ކުރި ހުކުމާއި މެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގައި ގޯސްތަކެއް އުޅޭކަން ފާހަގ ކޮށްފައިވާ ކަމަށެވެ.
މި ޝަރިޔަތް ( ރައީސް ޔާމީން) ކުރިޔަށް ގެންދިޔަ ގޮތާއިި މެދު ކަންބޮޑުވުން ފާޅުކުރި ވަރަށް ގިނަ ފަރާތްތައް (ބޭރުގެ) އެބަހުރި.މުހައްމަދު ސައީދު ~ ޕީޕީއެމްގެ ނައިބް ރައީސް ~
ސައީދު ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނަވާ ގޮޅީގެ ހާލަތު ދަށް ކަމަށާއި، އެކަމާއި މެދުވެސް ބައިނަލްއަގްވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތައް ހުއްޓާނުލާނެ ކަމަށާއި، މި ސަރުކާރުން ކުރަމުންދާ ކަންތައްތައް ފާޅުކަން ބޮޑު ގޮތެއްގައި ދުނިޔެ އަށް އަންގައިދެމުންދާނެ ކަމަށް ކުރީގެ އިކޮނޮމިން މިނިސްޓަރު ވިދާޅުވިއެވެ.
ޔާމީން ޖަލަށް ވަޑައިގެންނެވި ހިސާބުން ފެށިގެން އިދިކޮޅުން ދަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. ފުލުހުން ވަނީ އިދިކޮޅުން ކުރި މުޒާހަރާތައް ރޫޅާލާފައެވެ.