ނައިޖީރިއާ ކަނޑުން ތެޔޮ ޓޭންކަރެއް ހައިޖެކްކޮށް 19 މީހަކު ކިޑްނެޕްކޮށްފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި ކިޑްނެޕް ކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ 18 މީހަކާއި ތުރުކީ ރައްޔިތެކެވެ.
އެކަން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ބުރާސްފަތި ދުވަހު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ރަވީޝް ވިދާޅުވީ، އިންޑިއާގެ ރައްޔިތުންތަކެއް ކިޑްނެޕް ކުރުމާއި ގުޅިގެން އެފްރިކާގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި އެކަން ކޮށްފައިވަނީ ކަނޑުފޭރޭ މީހުންނެވެ.
އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމު ކަމުގައިވާ ނައިޖީރިޔާގެ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެފައިވާ މީހުން ދުނިޔޭގެ 40އަށް ވުރެ ގިނަ ގައުމުގައި އުޅޭ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ރިޕޯޓެއްގައި ވެއެވެ. ނައިޖީރިޔާގައި އިންސާނީ ވަގުފާރި ކުރުމުގައި އެ ގައުމުގެ ސިފައިން ވެސް ބައިވެރިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
