ލާމަރުކަޒީ ގާނޫނަށް ގެނެވޭ އެންމެ ބޮޑު އިސްލާހަކީ ކައުންސިލަތަކަށް މަސައްކަތް ކުރެވޭނެ އެކަށޭނެ މުއްދަތެއް ދިނުމަށް ގާނޫނަށް ބަދަލު ގެނައުންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލާމަރުކަޒީ ބިލު ދިރާސާ ކުރި ލާމަރުކަޒީ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ މުހައްމަދު ވަހީދު ވިދާޅުވީ ގާނޫނަށް ގެނެވެނު އިސްލާހުތަކުގެ ތެރެއިން ފެނުނު އެންމެ ބޮޑު އިސްލާހަކީ ކައުންސިލަރުންނަށް އެކަށޭނެ މަސައްކަތްތައް ކުރަން މުއްދަތު ދިނުން ކަމަށެވެ. އަދި ކައުންސިލަރުންނަށް އެކަށީގެންވާ ޖާގަދޭން އެބަޖެހޭ ކަމަށާއި އެއާއެކީގައި އެބޭފުޅުން ކޮޅަށް ތެދުވެ އިރުއިރުކޮޅާ މާލޭގެ މިނިސްޓްރީތަކަށް އައިސް ސަލާންޖަހަން ނުޖެހި ރަށުން ގެވަޅު ދެވޭނެ ގޮތް ނުވަތަ ވިޔަފާރިއަށް ބިންދެވޭނެ ގޮތް އެފަދަ ކަންކަން ކުރެވޭނެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.
އަޅުގަނޑުމެން ވައުދުވީ ގޮތަށް އަޅުގަނޑުމެން މިތިބީ ރާއްޖޭގެ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމުގެ މަސައްކަތަށް އަމާޒު ހިފައިގެން. އެބަދަލު ގެންނަން އަޅުގަނޑުމެން މިދަނީ. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މާދަމާ ވޯޓަށް އަހާ ބިލަކީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމުގެ ދަށުން 2011 ގައި ކައުންސިލްތައް އިންތިހާބު ކުރެވުނު ފަހުން ތިން ދައުރުވީ އިރުގައި މިހާތަނަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އައިސް މިހާތަނަށް ނުލިބޭ ފަދަ ބާރުތަކާއި އިހްތިޔާރުތަކެއް ލިބިގެންދާނެ ބިލަކަށް މި ބިލު ވެގެންދާނެ،މުހައްމަދު ވަހީދު
ވަހީދު ވިދާޅުވީ ޖަޒީރާ ރާއްޖޭގައި ހުރި ކަންކަން ހާސިލްވުމަށްޓަކައި ވަރަށް ބޮޑަށް ކޮށާލެވޭ މަގަކަށް މި ބިލު ވެގެންދާނެ ކަމަށެވެ. އަދި މި ބިލާއެކީގައި ގެނެވޭ ބަދަލުތަކުގެ ތެރޭގައި މާލީ މިނިވަންކަން ފޯރުކޮށްދިނުމާއި، އިގްތިސޯދީ ގޮތުން ހަރަކާތްތެރިވާނެ ޖާގަ ފޯރުކޮށްދިނުމާއި، އެންމެން ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުން އަދި އާބާދީގެ ދެބައިކުޅަ އެއްބަޔަށް ތަމްސީލުވެވޭނެ ޖާގަ ހޯދައި ދެވޭނެ ކަމަށެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ހުރިހާ ރަށަކަށް ބައިވެރިވެވޭނެ ޖާގަ ހަދައިދިނުމާއި އަދި މި ބަދަލުތައް ވެގެންދާނެ ހަގީގަތުގައި ވެސް ވަރަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ބަދަލުތަކަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ނެތް މި ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލު ނޫން ބަދަލު ގެނައުމުގެ ހިޔާލެއް. މި މަޖިލީހަކު ނެތް ކައުންސިލްތަކުގެ މައްޗަށް ބާރު ހިންގާ ނުފޫޒު ފޯރުވުމުގެ އެއްވެސް ނިޔަތެއް. އަޅުގަނޑުމެން ލާމަރުކަޒީ ކޮމިޓީއެއް ހަދައިގެން މިތިބީ ކައުންސިލްތަކަށް ފަހިކޮށްދީ އެހީތެރިވެދިނުމަށް. އެބޭފުޅުންގެ ހުރި މައްސަލަތަކަށް އަޅުގަނޑުމެން މަޖިލިސް ތެރެއިން ހައްލު ހޯދައި ދިނުމަށްޓަކައި. ރައްޔިތުން އިންތިހާބު ކުރާ ބަޔަކު ރައްޔިތުންގެ އަތްމަތީގައި ފާޑުވިދާޅުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތް. ނަމަވެސް ޝަރުއީ ކޯޓަކުން އެކަން ކުރަން ޖާގަ ދީ އަދި އެއަށްވުރެ މީހުން ކަންބޮޑުވޭ އެއިރަކު އޮންނަ ސަރުކާރެއްގެ ހޯމް މިނިސްޓަރު ހުންނަ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހައެއްކަ މީހުންގެ ބޯޑަކަށް އެބާރު އޮތީމަ. މިހާތަނަށް ކުރެވިފައި ހުރި ތަޖްރިބާތަކަށް ބަލާއިރު އެކަން ކުރެވިފައި ހުރި ގޮތް މާ ގޯސް،މުހައްމަދު ވަހީދު
ވަހީދު ވިދާޅުވީ ކަން މިހެން އޮތްނަމަވެސް މަޖިލީހާ ހިސާބުން ފިޔަވަޅު އެޅުނީމަ ނުވަތަ ރަށެއްގެ ކައުންސިލަކަށް މަޖިލީހުން ފިޔަވަޅު އެޅުމުގެ ބާރު އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެހެން އެއްވެސް އިދާރާއަކަށް އެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި، އެމީހުންނަށް ހައްގު މަގާމާއި ހައިބަތު ހޯދައި ދިނުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށެވެ. މި ބިލު ފާސްވެ ގާނޫނަކަށްވެ މި ހުރިހާ އިހްތިޔާރެއް ކައުންސިލްތަކަށް ލިބުމުން ތަރައްގީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެންދާ ބިލަކަށް މި ބިލު ވެގެންދާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.