Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 13:28
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރެންޓަލް އިންކަމް އިން ނަގާ ޓެކުހުގައި ހަމަހަމަކަން ނެތުމުގެ ކަންބޮޑުވުން
ގެދޮރު ކުއްޔަށް ދޭ ފަރާތްތަކުން އޭނާއަށް ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހެނީ އެކި ބޭންޑުތަކުން ކަމަށް ޔައުގޫބް ވިދާޅުވި

ރެންޓަލް އިންކަމް ލިބޭ ބައެއް ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގެއްލޭ އުސޫލެއްގެ މަތިން ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ބިލް ބައްޓަންވެފައިވާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ ފާޅުކުރައްވައިފި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލްގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ ބިލް އޮތްގޮތުން ގެދޮރު ކުއްޔަށް ދޭ ފަރާތްތަކުން އޭނާއަށް ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހެނީ އެކި ބޭންޑުތަކުން ކަމަށެވެ. އެގޮތުން ތިން ބޭންޑެއްގެ ދަށުން ޓެކްސް ނެގޭއިރު ބީޕީޓީން ޓެކްސް ދައްކަންޖެހެނީ ފަސްލައްކަ ރުފިޔާއަށް ވުރެ މަތިން ފައިދާ ވާ ފަރާތްތަކުން 15 އިންސައްތަ ކަމަށް ޔައުގޫބް ވިދާޅުވި އެެވެ.

Advertisement

ޔައުގޫބް ވިދާޅުވީ ދެމީހެއް ނުވަތަ އެއަށްވުރެ ގިނަ މިހެއްގެ ނަންމަތީ އިންނަ އެޕާޓްމެންޓެއް ނުވަތަ ގެޔެއް ކުއްޔަށް ދޭ އިރު އެ ބަދަލުވެގެންދަނީ ވިޔަފާރިއަކަށް ކަމަށެވެ. އެހާލަތުގައި އެމީހުންގެ ވިޔަފާރިން ލިބޭ ފައިދާ 500،000 ރުފިޔާ އަށްވުރެ އިތުރު ނަމަ ޓެކުހުގެ ގޮތުގައި އާމްދަނީގެ 15 ޕަސެންޓު ދައްކަން ޖެހޭ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ އެންމެ މީހަކުވެސް ގެ ކުއްޔަށްދީގެން ލިބޭ ފައިދާއިން ޓެކްސް ދައްކަންޖެހޭ ކަމަށާއި ނަމަވެސް އެއީ ވަކި ބޭންޑަކުން ކަމަަށް ޔައުގޫބް ވިދާޅުވި އެވެ.

އިންޑިވިޖުއަލް މީހާއަށްވެސް ހަމަ ލިބެނީ ރެންޓަލް އިންކަމް. އޭނާއަށް އެހާލަތުގައި 5.5 ޕަސެންޓް ދައްކައިގެންވެސް މެނޭޖު އެބަކުރެވޭ. ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އޯންކުރާ އެޕާޓްމެންޓެއް ނޫނީ ގެޔެއް ވެއްޖެއްޔާމުން އެމީހުން އަތުން އެބަނެގޭ 15 ޕަސެންޓް
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

ދެން ޔައުގޫބް ފާހަގަކުރެއްވި މައްސަލައަކީ ގެޔެއްގެ ވެރިއަކަށް އެކަކު ހުރެފައި އޭނާ މަރުވެގެންދާއިރު އޭނާގެ ވާރިސުންނަށް އެގެ ބެހިގެންދާއިރު ދެން ކަންތައް ވެގެންދާ ގޮތެވެ.

އަނެއް މައްސަލައަކީ އެކެއްގެ ނަމުގައި ހުންނަ ގެޔެއް ނޫނީ އެޕާޓްމެންޓެއް. އޭނާ މަރުވެގެން އޭނާގެ ވާރުސިންގެ މައްޗަށް ބަދަލުވެގެން ދިިޔައީމާ ބަދަލުވަނީ ޑީމްޑް ޕާޓްނާޝިޕަކަށް. ކުރީގެ ކުޑަ ރޭޓުން ދައްކަމުން އައި ޓެކްސް އެބަ ބަދަލުވޭ ބޮޑު ރޭޓަށް.
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

ޔައުގޫބު ވިދާޅުވީ ބިލު މިހާރު އޮތްގޮތުން ރެންޓަލް ޓެކްސް ދައްކާ މީހުންނަށް އޮތީ ތަފާތު އުސޫލުތަކެއް ކަމަށެވެ. އެހެންކަމުން ބިލު ފާސްކުރާއިރު އެފަދަ ފަރާތްތަކަށް ހަމަހަމަ އުސޫލެއް ގާއިމް ކުރުމަށް ގޮވާލާ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް