އާމްދަނީ ޓެކްސް ނެގުމުގެ ބިލް ބުދަ ދުވަހުގެ ޖަލްސާގައި ފާސްކުރާއިރު ޑިވެޑެންޓް ޓެކްސް ނެގުމާމެދު އެމްޑީޕީ މެމްބަރުން ހިޔާލު ތަފާތު ވެއްޖެއެވެ.
ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅާ އެރިޕޯޓަށް ބަހުސްކުރައްވާފަ އެވެ. ކޮމިޓީން ރިޕޯޓަށް 6 އިސްލާހެއް ގެނެސްފައިވާއިރު ކޮމިޓީ ރިޕޯޓަށް އެމްޑީޕީން ވަނީ 26 އިސްލާހެއް ހުށަހަޅާފަ އެވެ. ބިލަށް ކޮމިޓީން ގެނައި އެއް ބަދަލަކީ ޑިވިޑެންޓުން ޓެކްސް ނެގާގޮތަށް ގެނައި ބަދަލެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލް މަޖިލީހަށް ހުށަހެޅި ބަހުސް ކުރައްވަމުން ދިޔައިރުވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ވަނީ ޑިވިޑެންޓުން ޓެކްސް ނެގުމާމެދު ތަފާތު ޚިޔާލުތަކެއް ފާޅުކުރައްވާފަ އެވެ.
ބުދަދުވަހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ދާންދޫ ދާއިރާގެ މެމްބަރ ޔައުޤޫބް އަބްދުﷲ ވިދާޅުވީ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ޑިވިޑެންޓުން ޓެކްސް ނެގުމަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ރެސިޑެންސް ޑިވިޑެންޓް ޓެކްސް ނެގުމަކީ ޑަބަލް ޓެކްސްއަކަށް ބަދަލުވާކަމެއް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. ޔައުގޫބް ވިދާޅުވީ ރާއްޖެއަކީ ބޭރުގެ ފޮރިން އިންވެސްޓަރުންނަށް ބަރޯސާވެފައިވާ ގައުމަކަށްވާތީވެ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ނާންނަގޮތަށް އެއްވެސް ކަމެއް ޓެކްސް ސިސްޓަމް ތެރެއިން ކުުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫންކަމަށެވެ.
ޑިވިޑެންޓުން މިއީ އިސްލާހަކީ އެއް މިލިއަނަށް ވުރެ އިތުރުވާ ކޮންމެ ޑިވިޑެންޓެއްގެ އެކެއް އިންސައްތަ ނަގާ ގޮތަށް. އަޅުގަނޑަށް އެއީ އޭގެން މާބޮޑު އިންކަމް އެއް ޖެނެރޭޓްވާނެ ކަމެއްކަމަށް ގަބޫލެއް ނުކުރަން. އެހެންނަމަވެސް ރާއްޖޭގައި އިންވެސްޓް ކުރަން ބޭރުގެ އިންވެސްޓަރުން ވިސްނާއިރު ވިޔަފާރީގެ މާހައުލަށް ފަހީ ކިހާ މިންވަރަކަށްތޯ ބަލަން އެނަލައިޒް ކުރަމުންދާއިރު ފެންނާނެ ރާއްޖެއަކީ ޑިވިޑެންޓުންވެސް ޓެކްސް ނަގާ ގައުމެއްގެ ގޮތުގައި. މާނައަކީ ޑަބަލް ޓެކްސް ނަގާ ގައުމެއްގެ ގޮތުގައި ލޭބަލް ވާނެ . އެއީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން. އަދި އިންވެސްޓަރުންވެސް ކޮންމެސް ވަރަކަށް ފަސްޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ.ދާންދޫ ދާއިރާގެ މެމްބަރ ޔައުޤޫބް އަބްދުﷲ
ޔައުގޫބް ވިދާޅުވީ އާމްދަނީން ޓެކްސް ނަގަން ފަށާ ހިސާބުގައި ހުރިހާ ޓެކްސް އެއް ނަގަން ފެނިވަޑައިނުގަންނަވާ ކަމަށާއި ކުރިޔަށް އޮތްތާންގައި އިތުރަށް ޓެކްސް އިތުރު ކުރަމުން ދެވިދާނެ ކަމަށެވެ. އެހެންކަމުން މިއިސްލާހު އަނބުރާ ގެންދަން ހުށަހަޅުއްވާކަމަށް ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބްގެ ހުށަހެޅުއްވުމަށް ތާޢީދު ކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ އިންވެސްޓަރުންނަށް ގެނައުމަށްކަމަށާއި އެހެންކަމުން އިންވެސްޓަރުންނަށް ފަހިވާ ގޮތަށް ކަންކަން އޮންނަން ޖެހޭކަމަށެވެ. އަދި އަވަށްޓެރި ސްރީލަންކާއިން ތަފާތު 30 ޓެކްސް އެއް ކަނޑާލާ އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ފަށާއިރު ރާއްޖެއިން ޑިވިޑެންޓް ޓެކްސް ނަގާނަމަވެސް އެކަން ކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިގެންކަމަށް ނަސީމް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގައި އެބަހުރި ޑިވިޑެންޓުން ޓެކްސް ނަގާ ގައުމުތައް.ޑިވިޑެންޓުން ޓެކްސް ނަގަނީ ވަކި ލުޔެއް ވިޔަފާރިތަކަށް ދީފައި. އެއީ ބީޕީޓީ ދެއްކުމުގެ ކުރިޔަށް ހިއްސާދާރުންގެ ޕާސަނަލް ހަރަދުތައް މިސާލަކަށް ފްލެޓް މިކަހަލަ ހަރަދުތައް ކުރުމަށް. މިވަގުތު ޑިވިޑެންޓުން ޓެކްސް ނެގުން ޗެލެންޖަކަށް ވެދާނެ ކައިރީގައި ލަންކާ ކަންކަން ކުރަމުންދާ ގޮތުން.ތުލުސްދޫ ދާއިރާގެ މެމްބަރ އިބްރާހީމް ނަސީމް
ޑިވިޑެންޓު ޓެކްސް ނެގުމާ ދެކޮޅުކަން ހާމަކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ އެއީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑިވިޑެންޓު ޓެކްސް ނެގޭކަމަށާއި ނަމަވެސް މިހާރުގެ ޓްރެންޑް އެކަމުގައި ބަދަލުވަމުންދާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި އެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޑިވިޑެންޓުން ޓެކްސް ނެގޭ. އެހެންނަމަވެސް މިހާރުގެ ޓްރެންޑަކީ ޑިވިޑެންޓުން ޓެކްސް ނުނަގާ ވިޔަފާރިތަކުން އާމްދަނީން އެމީހަކު ކުރާ މަސައްކަތަކުން ޓެކްސް ނެގުން. ވިޔަފާރިއަށް މަގުފަހިވާގޮތަށް އެމީހަށް އެމީހާ އަތުގައި ހުންނަ ފައިސާ ވިޔަފާރިތަކުގައި އިންވެސްޓް ކުރަން ބޮޑަށް އެންކަރޭޖް މިކުރަނީ. އެހެންވީމާ ފަރުދުންގެ އާމްދަނީން ޓެކްސް ނެގޭއިރު ޑިވިޑެންޓުން ޓެކްސް ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑުވެސް ނުދެކެން.ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު
ޑިވިޑެންޓުން ޓެކްސްނެގުމަށް ތާޢީދު ކުރައްވާ ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވީ އިކޮނޮމިކް ވިސްނުމަކުން ކަންކަން ކުރަންޖެހޭ ކަމަށެވެ. ރާއްޖެއަކީ ފެކްޓަރީތައް ހަދާ ބޮޑެތި އީޖާދަކޮށް ތަކެތި އުފައްދާ ގައުމެއް ނޫންކަމަށާއި ރާއްޖޭގެ އިގްތިސާދުު ބިނާވެފައިވަނީ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ. އެގޮތުން މަސްވެރިކަން ކުރާ މީހަކު ރިހާކުރު އުފައްދުމުގެ ކަންކަން ކުރަމުންދާއިރު އެކި ހިސާބުތަކުގައި އޭނާއަށް ލިބޭ އާމްދަނީން ޓެކްސް ނެގުމުންދާއިރު ރާއްޖޭގެ ރަށެއް ލީސްކޮށްގެން އޭގެން ފައިދާ ނަގާ މީހާއަތުން ޓެކްސް ނުނެގެންވީ ކީއްވެތޯ އިބްރާހީމް ރަޝީދު ސުވާލު އުފެއްދެވި އެވެ.
ފަތުރުވެރިކަމުގެ ހިއްސާއަކީ ހުރިހާ ރައްޔިތުންގެ ހިއްސާއަކީ. ކުދކުދި ޖަޒީރާތައް ވިއްކައިގެން އޭގެން ބަޔަކު މަންފާ ހޯދައިގެން ބަޔަކު އަރާމުގައި އުޅޭއިރު އޭގެން ކޮންމެސް ވަރެއް ނެގުމަކީ އެއީ ވާތުފިޔައިގެ ވިސްނުމަކަށް ނުވާނެ. އެހެންމަަވެސް ވަޒަން ވެރިވެފައިނުވާ ފަރާތް އިސްތިސްނާކުރަން އަޅުގަނޑު އެދެން.މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު
މެމްބަރުންގެ ޚިޔާލުތަކަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޑިވިޑެންޓުން ޓެކްސް ނެގުމާމެދު ހުރިހާ މެމްބަރުންނަށް އެެއް ވިސްނުމަކަށް ނާދެވޭ ތަން ފެންނަކަމަށެވެ. ޑިވިޑެންޓުން ޓެކްސް ނެގުމަށް ބާރު އަޅުއްވާ ވާތު ފިޔައިގެ މެމްބަރުން މިކަމަށް ކޮންމެސް ވަރަށް ދުލެއް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަމާ ވާހަކަ ދައްކައިގެން މެމްބަރުންނަށް ގޮތެއް ނިންމެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލް ފާސްކުރުމަށް މަސައްކަތްކުރާއިރު ކޮމިޓީން ވަނީ މިބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާމްދަނީން ޓެކްސް ނެގޭ ބްރެކެޓްތައް 40،000 ން 60،000 ށް ބޮޑުކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. ސަރުކާރުން ބިލް ހުށަހަޅާފައިވާގޮތުން އާމްދަނީން ޓެކްސް ނަގައިގެން ދައުލަތަށް 600 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. ނަމަވެސް ކޮމިޓީން މިގެނައި ބަދަލާއެކު އެއަދަދު ކުޑަވެގެންދާނެ އެވެ.