Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 13:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީ ކައުންސިލާއި އަދި އެ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީ ކައުންސިލާއި އަދި އެ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ލާމަރުކަޒީ ގާނޫނު
ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދިނުމާއިމެދު ބައެއް ފަރާތްތަކުގެ ހިޔާލު ތަފާތު
ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ކައުންސިލްތަކަށް ފިޔަވަޅު އެޅުމުގެ ބާރު އޭލްޖީއޭއަށް ދީފައިވޭ

ކައުންސިލަރުންނާއި, ކައުންސިލްގެ ރައީސުން އަދި މޭޔަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Advertisement

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި ރަށެއްގެ ރައްޔިތުން އެ ރަށަކަށް ޚިދުމަތް ކުރަން ހޮވާފައި ހުންނަ މީހަކާއި މެދު ކަންކުރަންވީ ގޮތް ސިޔާސީ ވަކި ޕާޓީއެއްގެ ހަންމުއްޓަކުން ނިންމިގެން ނުވާނެ ކަމަށްވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ވަނީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ނިންމާފަ އެވެ.

އެބިލް ކޮމެޓީން ދިރާސާކޮށް ނިންމާލިއިރު، ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ހުށަހެޅި އިސްލާހުތަކާއެކު ޖުމްލަ 80 އިސްލާހެއް އެބިލްގައި ހިމެނެއެވެ.

އޭގެތެރެއިން، ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ފާހަގަކޮށްލެވޭއިރު، ބައެއް ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭގެތެރޭގައި ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ އެ އިސްލާހަކީ ގެންނަން ކަމުދާ އިސްލާހެއް ނޫންކަމަށް ވިދާޅުވަމުން ނެވެ.

މަޝްހޫރު ގާނޫނީ ވަކީލު ދިޔާނާ ސައީދު ވިދާޅުވަނީ، ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިގަނެވޭނެތޯ ނުވަތަ ނޫންތޯ، މިއީ ދުސްތޫރިއްޔާތުގެ ސުވާލެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކުރެވޭ ފަރާތްތަކުގެ ތެރެއިން ވަކި ކުރެވިދާނެ ފަރާތްތަކާއި ވަކި ކުރެވޭނެ ހާލަތާއި އިޖުތާއަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެ އިސްލާހުގައި ވާގޮތުން، ކައުންސިލަރުގެ ވާޖިބުތައް އަދާކުރަން ނުކުޅެދިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ކައުންސިލަރަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެއިތުރުން، ކައުންސިލަރުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ގާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުންވަމުން ދާކަން ފާހަގަކުރެއްވިޖެނަމަ އެ ކައުންސިލަރު ނުވަތަ ކައުންސިލްގެ ރައީސް ނުވަތަ މޭޔަރު މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވާ ކަމަށް ވެސް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވެއެވެ.

ކައުންސިލްތަކަށް މާލީ މިނިވަންކަމާއިއެކު ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރެވެމުންދާއިރު، ކައުންސިލްތަކުގެ ޒިންމާތައް އިތުރުވެ ފުޅާވެގެންދާނެ އެވެ.

ކައުންސިލްތައް ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރައްވާ ކަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް