ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބޭންކިންގ ޚިދުމަތްތަކަށް ބޮޑު ބަދަލެއް ގެނެސް މާލޭގެ އެކި ޞަރަޙައްދުތަކުގައި ވަކި ވަކި ޚިދުމަތްތަކަށް ޚާއްޞަ ސެންޓަރު ތަކެއް ޤާއިމު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭ ތަފުޞީލު ހާމަކޮށް ބީއެމްއެލްއިން ޢަންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، 2020 ގައި މުޅިން އަލަށް އެކައުންޓް ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުވުމަށްވަނީ ނިންމާފައިވާކަމަށާއި މި ސެންޓަރުތައް މެދުވެރިކޮށް ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެކަމަށެވެ.
މީގެއިތުރުން ފެށިގެންދާ އައު އަހަރާއެކު، އާ ޚިދުމަތެއްގެ ގޮތުގައި އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޑިޖިޓަލް ބްރާންޗެއް މަޖީދީ މަގުގައި ހުޅުވިގެންދާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. މި ބަދަލާއެކު، މިހާރު ޚިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ޚިދުމަތް 2 ފެބްރުއަރީ 2020 ފެށިގެން މެދުކަނޑާލެވިގެން ދާނެކަމަށް ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައިވެއެވެ.
މި ބަދަލުތަކާ ގުޅޭ ގޮތުން ބަޔާނުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެފައިވަނީ އެބޭންކުން ހުޅުވަން ކަނޑައަޅާފައިވާ އާ އެކައުންޓް އޯޕެނިންގ ސެންޓަރާއި، ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެކަމަށާއި، ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.
ކައުންޓަރުން ފޯރޮކޮށްދެވޭ ފައިސާގެ މުޢާމަލާތްތައް ނުހިމެނޭ އެހެން ހުރިހާ ޚިދުމަތެއް އަލަށް ހުޅުވާ އެކައުންޓް އޯޕެނިންގ ސެންޓަރާއި، ލޯން ސެންޓަރާއި، އަދި މިހާރު ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމަރ ސަރވިސް ސެންޓަރާއި، ބިސްނަސް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެކަން ފާހަގަކޮށް ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ ފައިސާގެ މުޢާމަލާތްތައް ހިމެނޭ ޚިދުމަތްތައް މަލޭގައި މެއިން ބްރާންޗް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ ޢަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.