ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:31
އިންޑިއާ ޓީމް (ކ) ރާއްޖެ ޓީމު (ވ)
އިންޑިއާ ޓީމް (ކ) ރާއްޖެ ޓީމު (ވ)
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ސައުތް އޭޝިއަން ގޭމްސް
ސައުތު އޭޝިއަން ގޭމްސް: ވަރުގަދަ އިންޑިއާ އަތުން ރާއްޖޭގެ އަންހެން ޓީޓީ ޓީމު ބަލިވެއްޖެ
އިންޑިއާ އަތުން ރާއްޖޭގެ އަންހެން ޓީމު ބަލިވީ ސީދާ ތިން ގޭމުން

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވަރުގަދަ އިންޑިއާ އަތުން ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމު ބަލިވެއްޖެއެވެ.

އަންހެން ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީޓީ ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ.

ފުރަތަމަ މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނުކުތީ އިންޑިއާގެ ސުތީރުތާ މުކަރުޖީއާ ދެކޮޅަށެވެ. މި މެޗު އިންޑިއާގެ ސުތީރުތާ ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 11-4، 11-3 އަދި 11-8 އިންނެވެ.

ދެވަނަ މެޗުގައި ގައުމީ ޗެމްޕިއަން އަދި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ތިން ރަން މެޑަލް ހޯދި ފާތިމަތު ދީމާ އަލީ ނުކުތީ އިންޑިއާގެ ކްރިތްވިކާ ސިންހާއާއި ދެކޮޅަށެވެ. މި މެޗު ކްރިތްވިކާ ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ކްރިތްވިކާ ގެންދިޔައީ 11-6، 11-2 އަދި 11-2 އިންނެވެ.

ތިންވަނަ މެޗުގައި ރާއްޖެއިން ކުޅެން ނިކުތީ ލައިސާ ފަތުހުﷲ އެވެ. އިންޑިއާގެ މަދުރިކާ ޕަޓްކާރާ ދެކޮޅަށް ލައިސާ ކުޅުނު މެޗުން އޭނާ ވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް މަދުރިކާ ގެންދިޔައީ 11-4، 11-5 އަދި 11-3 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖެ ޓީމުގެ ކޯޗު އިބްރާހީމް ޝިއުރީ ބުނީ އިންޑިއާގެ މެޗަށް ވުރެ ރާއްޖެ ޓީމުގެ ފޯކަސް ހުރީ ކުރިޔަށް އޮތް ޕާކިސްތާނު މެޗަށް ކަމަށާއި، މި މެޗަށް ނިކުތްއިރު ވެސް އިންޑިއާ ޓީމުގެ ކުޅުމުގެ ފެންވަރު އިނގޭ ކަމަށެވެ. އަދި ކުރިޔަށް އޮތް ޕާކިސްތާނު މެޗު ކާމިޔާބުކޮށް ލޯ މެޑަލް ހޯދުން އެއީ ޓީމުގެ އަމާޒު ކަމަށް ކޯޗު ބުންޏެވެ.

އިންޑިއާ އަކީ މިސަރަހައްދުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ޓީޓީގައި ކާމިޔާބީ ހޯދައިފައިވާ ގައުމެކެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު އަންގާރަ ދުވަހު ހެނދުނު ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް