ވޭތުވެދިޔަ ދުވަސްތަކުގައި ވަކި ކަހަލަ ކަންތައްތަކަށް އަމާޒުކުރެވިގެން، ވަކި ބަޔަކަށް ވަކި ރަށްތަކަށް އިހުމާލުވެފައި އޮތް ކަމަކީ މިއަދު މި ސަރުކާރުން ކުރާ ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރަންވީކަމުގެ ހެއްކެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އިންޖީނިއަރުންގެ މަހާސިންތާ 2019 ގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިމާވާ މައްސަލަތައް ހައްލުކުރެވޭނީ އެކަމާއިމެދު މަޝްވަރާކޮށްގެން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ދިމާވާ ދަތިތައް ސީދާ ރައްޔިތުންނާއި ހަމައިން ހޯދައި ދުވަހުން ދުވަހަށް އެކަންތަކަށް އިތުރަށް ލުއި ފަސޭހަކޮށް ތަރައްގީކުރުންކަމަށެވެ.
މަހާސިންތާގެ ބައިވެރިންނާއި މުހާތަބްކޮށް ވާހަކަދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ މިނިޓަކަށްވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެނަމަ އޭގެ މުހިންމުކަން އެނގިގެންދާނެކަމަށާއި ކުދި ޖަޒީރާތަކަށް ނިސްބަތްވާ މި ގައުމު ތަރައްގީވެފައިއޮތީ ކުދި ރަށްތަކަށްކަމަށާއި އެއްވެސް ބަޔަކު އިސްތިސްނާނުކޮށް ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށެވެ. ނައިބު ރައީސް ވިދާލުވީ އެ ހަގީގަތާއި ރައްޔިތުން ކުރިމަތިލާންޖެހޭ ކަމަށާއި މަޝްރޫއުތަށް ކުރިޔަށް ގެންދަންޖެހޭނީ ހުރިހާ ކަމަކަށް ވިސްނައިގެންކަމަށެވެ.
އަދި އެކަމަށް ހައްލު ހޯދައިދިނުމަށް ގޮތްތަކެއް ހޯދައިދޭނެކަމަށާއި މި ސަރުކާރުންވެސް އެ ގޮންޖެހުންތަކުގެ މައްޗަށް ބަލައި ރައްޔިތުންނަށް އެ ދަތިތައް ހައްލުކޮށްނުދޭ ސަރުކާރަކަށް ވެއްޖެ ނަމަ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެއްވެސް ހިދުމަތެއް ނޯންނާނެކަމަށެވެ. ވޭތުވެދިޔަ އަހަރަށް އަލިއަޅުއްވައި ނައިބު ރައީސް ވިދާޅުވީ، 154 ރަށުގެ އިންޖީނުގެ ހިންގަމުން އަދި ބަލަހައްޓަމުން ދާ ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. އެއީ ފަސޭހަކަމެއް ނޫންކަމަށާއި މިހާރުވެސް އެކި ރަށްރަށުގައި އިންޖީނުގެ ހުންނަ ސަރަހައްދު ބަދަލުކޮށް ޒަމާނީ ފެންވަރުގެ ވަސީލަތެއް ދެވޭ ތަނެއްގެ ގޮތުގައި ބަދަލުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދާކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ، ބޭނުމަކީ މާޒީން އިބުރަތް ނަގައި ކަރަންޓުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބެމުން އަންނަތަން ފެނުން ކަމަށާއި މި ސަރުކާރުން ހިދުމަތެއް ދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށެވެ. އަދި ނައިބު ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް، މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަގީންކަން ދެއްވައި ރައިސް ސޯލިހުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކާއި ހިދުމަތްތައް ބަރާބަރަށް ޝަކުވާއެއް ނޯންނާނެ ފަދަ ހާމަކަންބޮޑު ގޮތަކަށް އެކަންތައް ކޮށްދިނުންކަމަށް ވިދާޅުވެފައެވެ.