ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 19:45
\"ހިބަރު ވަދު\" ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
"ހިބަރު ވަދު" ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓް
ވަދު ކިތަންމެ މޮޅަސް، ޖާނުގައި ވަރު ނެތް ފަޅުވެރިންތަކެއް ގޮވައިގެން ހިބަރެއް ނުބޭނޭނެ!
ޕޯޑިއަމްއިން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވި މަންޒަރު ބަދަލުވެއްޖެ
ކުރިން ޕާޓީ ދޫކުރެއްވި ފަރާތްތަކުން ވަނީ "ސަޕްރައިޒް" ދެއްވާ އަލުން ޕާޓީއާ ގުޅިވަޑައިގެންފައި

ރައީސް ޔާމީނަކީ ވަރަށް ދޫހެލޭ، ފަށުވި އިބާރާތްތައް އަމުނާލެއްވުމުގައި ކުޅަދާނަ ބޭފުޅެއް ކަމާއި މެދު ޝައްކެއް ނެތެވެ. ބައެއް ފަހަރު އެހުންނެވި ޖޯޝެއްގައި ހުންނަވައިގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ވާހަކަފުޅުތައް ބޭރުކުރެއްވުނަސް، އެ މަނިކުފާނަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެއީ ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުންގެ ގައިގައި ހުންނަން ކޮންމެހެންވެސް ޖެހޭ އެއް ހުނަރެވެ. އެ ބުނާ ބަހަކުން މީހުންގެ ލޭ ކައްކުވާލާ، މީހުންގެ ޝައުޤުވެރިކަން ދަމައި ނުގަނެވޭނަމަ، ސިޔާސީ ހަޔާތަކީ ކުރު އެއްޗަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް، ކިތަންމެ ދޫހެލުނަސް އެ މަނިކުފާނަކީ ވަރަށް ހަނދާން ބަލި ބޭފުޅެކޭ ދަންނަވާނެ ޖާގަ އެބައޮތެވެ. ކަން ކުރެއްވި ގޮތާއި އަމަލު ކުރެއްވި ގޮތާއި ވިދާޅުވި ބަސްފުޅުތައް ވަރަށް ފަސޭހައިން ހަނދުމަނެތޭ ވެރިއެކެވެ. ފައިސާ ހަލާލު ނޫނޭ ވިދާޅުވެ، ފަހުން އެހެން ވިދާޅުވިކަން ހަނދާން ނެތޭ ބޭފުޅެކެވެ. އެ މަނިކުފާނުގެ ފިޔާތޮށި ޕޯޑިއަމް ދޫކުރައްވާ ވަޑައިގެންނެވި ބަޔަކަށް ދެން ފުރުސަތެއް ނުދެއްވާނަމޭ ވިދާޅުވެ، އަނެއްކާވެސް އެ ޕޯޑިއަމުން ހަމަ ފުރުސަތު ދެއްވާ "ހެޔޮ ހިތެއްގެ" ވެރިއެކެވެ.

އެކަމަކު މަނިކުފާނަށް ހަމަ އައްސަރިބަހާ ސާބަހެވެ. ތިޔަ ވިދާޅުވާ ޕޯޑިއަމްގެ ވާހަކަދެއްކެވިތާ ހެޔޮކޮށް ދެ ހަފުތާވެސް ނުވަނީސް، ތިޔަ ބަސްތައް ރައްދުކުރެއްވި ފަރާތްތަކުގެ ތެރެއިން އެއް ބަޔަކު ތިއްބެވީ، މަނިކުފާނު ހުކުރު ދުވަހުގެ ރޭ ދޫކުރެއްވި ހިބަރު ވަދުގައި ޖެހިވަޑައިގެންނެވެ. ޕާޓީ ދޫކުރައްވާ "ލާދީނީ" ސަރުކާރެއް ދަމަހައްޓަން ވަޑައިގެންނެވި ބޭފުޅުންނަށް އަނެއްކާވެސް ފުރުސަތު ދެއްވީ އުފަލުން މަރުހަބާ ދަންނަވަމުންނެވެ.

ތިޔަ "ވޯރިއަރުން" ތިއްބަވާ ޕޯޑިއަމުން ޖާގަ ދެއްވީ، މަނިކުފާނަށް ދެރައެއް ލިބުނު ދުވަހު މަނިކުފާނު ފެއިލްވެފައިވާ ކަމަށް ބުނެ ޕާޓީގެ ލީޑަރޝިޕުން އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި ބޭފުޅެކެވެ. އެކަމާ "ސަޕްރައިޒް" ވެވަޑައިނުގަތުމުން އަޅުގަނޑު ހަމަ އަންތަރީސްވިއެވެ. އަދި އެވަރުން ނިމުނީކީ އެއް ނޫނެވެ. ދާދި ފަހުން "ޓްރާންސްފަރ" އެއްގައި ޖަރޒީ ބަދަލުކުރި ކުޅުންތެރިއަކު އަނެއްކާވެސް ހުންނެވީ އައިސް ހަމަ ތިޔަ ޕޯޑިއަމުން ޖާގައެއް ލިބޭތޯ ޖަލްސާގެ ކުރީ ސަފުގައެވެ. ފަހަރުގައި ކުރު މުއްދަތަކަށް "ލޯން" ކޮށްލީ ކަމަށްވެސް ވެދާނެއެވެ.

މަނިކުފާނު ތިޔަ ހެއްދެވީ ކިހިނެއްތޯއެވެ. "ދީނީ" ފިކުރު ބަދަލުވެގެން ގޮސް ފިއްލަވައިގެން ތިބި ބަޔަކަށް ޖާގަ ނުދޭނެ ކަމަށް ވިދާޅުވެ، މިވީ ދިހަ ދުވަހުގެ ތެރޭގައި މަނިކުފާނުގެ ފިކުރު ބަދަލުކޮށްލެއްވީތޯއެވެ؟ ނޫނީ، އަމިއްލަފުޅަށް ޕޯޑިއަމްގެ ޝަރަފުވެރިކަން ގެއްލުވާލެއްވީތޯއެވެ؟ އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނަސް، ހަމަ ހިތަށް އަރަނީ، ކެޔޮޅު ކިތަންމެ މޮޅަސް އަދި ދޫކުރި ވަދު ކިތަންމެ މޮޅަސް، ބޮޑު ހިބަރެއް ލައިގަންނަ ކޮންމެ ފަހަރަކު އޮޑިން ފުއްމާލާ ފަޅުވެރިންތަކެއް ގޮވައިގެން މަނިކުފާނު ތިޔަކަން ކުރައްވާނީ ކިހިނެއްތޯއެވެ؟ ތިކަން ވާނީ ގައިގައި ވަރުހުރި ފަޅުވެރިންތަކެއް ގޮވައިގެން ކަން މަނިކުފާނަށް މިހާރު އެނގިނުލައްވާނަމަ، ދެން ލިބޭނެ ކުރިއެރުމެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
23 ނޮވެންބަރ 2019 | ހޮނިހިރު 20:47
އެދުރު ހަސަން
ބަނޑައް ވައިއެޅިގެން ފެންމައްޗައް އަރާފައިވާ ހިބަރު ބާނާން ބައިވަރު ފަޅުވެރިންތަކެއް ބޭނުންނުވާނެ. އެކަކަކަކައްވެސް އެބަލިކަޝިވެފައިވާ ހިބަރު ދޯނީގެ ވަތުތެރެ އައް ދަމާހަލާފަ ވައްޓާލެވޭނެ. ފިސާރި ކެރޭ ފިރިހަނުން ހިބަރު ބާނާ ގޮތް ދާދި އަވަހައް ދައްކާދޭނެ. ކެތްކޮއްލައިގެން ބަލަން ހުރޭ. ކޮންމެ ކަމަކައް ވަގުތު ބޭނުންވާނެ. ބޮނޑު ހިބަރު ބާނާމޫސުން ވަރައްކާރި ވެއްޖެ.