ކުޅިވަރުން ހޯދާ ރަންވަނަތައް ގައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ގޮތުން އަލަށް ތައާރަފް ކުރި, އެޑިއުކޭޝަން މިނިސްޓަރު ދެއްވާ "ކަލަރސް އެވޯޑް" ފާތިމަތު ދީމާއަށް ލިބިއްޖެއެވެ.
އުމުރުން 11 އަހަރުގެ ދީމާ އަށް އެ އެވޯޑް ލިބިފައިވަނީ އަންގާރަ ދުވަހުގެރޭ ބޭއްވި ކަލަރސް އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައެވެ.
ދީމާ ވަނީ މިއަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެއަށް ތިން ރަން މެޑަލް ކާމިޔާބު ކޮށްދީފައެވެ. ވިމެންސް ޓީމް އިވެންޓްގެ ރަން މެޑައްޔާއި ވިމެންސް ޑަބަލްސްގެ ރަންމެޑަލްގެ އިތުރުން ދީމާ ވަނީ ވިމެންސް ސިންގަލްގެ ރަން މެޑަލް ހޯދައިފައެވެ. މިއާއިއެކު ދީމާ ވެފައިވަނީ އައިއޯއައިޖީގައި ރާއްޖެއަށް އެންމެ ގިނަ ރަންމެޑަލް ހޯދައިދިން ކުޅުންތެރިޔާއަށެވެ.
ދީމާ ހޯދާފައިވާ ކާމިޔާބީއާ އެކު ޔޫތް މިނިސްޓްރީން ވަނީ އޭނާގެ ތަމްރީން ހަރަދުތަކާ ހަވާލުވާން ނިންމާފައެވެ. ލަންކާގައި ތައުލީމު ހާސިލްކުރަމުންދާ ދީމާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އޭނާގެ ހިތްވަރުގަދަ ބެލެނެވެރިން ކަމަށްވާ މަންމަ އައިޝަތު ވަހީދާ އާއި ބައްޕަ އަބްދުއްސައްތާރު އަލީ އާއި ކޯޗު އިބްރާހިމް ޝިއުރީ އެވެ.
މީގެ އިތުރުން ދީމާ ވަނީ ގައުމީ ޓީޓީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ދީމާ ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.
އަންގާރަ ދުވަހުގެރޭ ބޭއްވި އެ އެވޯޑް ހަފްލާގައި ޖުމްލަ 224 އެވޯޑެއް ވަނީ ދީފައެވެ.