ވޯލްޑްކަޕް ކޮލިފިކޭޝަން އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ އަދި ފިލިޕީންސް ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކޮލިފިކޭޝަނުގައި ކުޅޭނެ އެންމެ މުހިންމު އެއް މެޗެވެ.
ފިލިޕީންސް އާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ނިކުންނައިރު ޓީމު އޮތީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން މެލޭޝިއާގައި ކާމިޔާބު ޓްރެއިނިން ކޭމްޕެއް ރާއްޖޭގެ ޓީމުން ކޮށްފައިވާއިރު، ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ ބުނީ މި ޓްރެއިނިން ކޭމްޕްއަކީ މި ފަހަކަށް އައިސް ރާއްޖޭގެ ޓީމުންކުރި އެންމެ ފުރިހަމަ ޓްރެއިނިން ކޭމްޕް ކަމަށެވެ.
ފިލިޕީންސް މެޗާއި މެދު ވާހަކަދައްކަމުން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނީ ރާއްޖެ ޓީމުން މި މެޗަށް ނިކުންނާނީ ނަތީޖާ ނެރެން ކަމަށާއި މެޗަށް ނިކުންނައިރު އެއްވެސް ކުޅުންތެރިޔަކަށް ޕްރެޝާ ނެތް ކަމަށެވެ. އެހެން ނަމަވެސް ކޯޗު ބުނީ މި މެޗަށް ނިކުންނައިރު ޕްރެޝާ އޭނާއަށް އޮތް ކަމަށެވެ. ގައުމީ ކޯޗު ސެގާޓްއަކީ ޕްރެޝާ ހޭންޑަލްކުރަން ދަންނަ ކޯޗެއްކަން އޭނާ ވަނީ ދިވެހިންނަށް ސާބިތުކޮށްދީފައެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވުނު ސާފް ސުޒުކީ ކަޕަށް ރާއްޖޭގެ ޓީމުން ނިކުތީ ޕްރެޝާގައި އޮވެގެންނެވެ. ނަމަވެސް މުބާރާތުގެ ފައިނަލުގައި ވަރުގަދަ އިންޑިއާ ބަލިކޮށް ރާއްޖެއިން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ގިނަ ބައެއްގެ ފާޑު ކިޔުމާއިއެކު ވެސް ސެގާޓް ވަނީ މިހާތަނަށް ރާއްޖޭގެ ކޯޗަކަށް ކުރަން ނުކެރުނު އެތަށް ކަމެއް ކޮށްފައެވެ. އެގޮތުން މިއަދު ރާއްޖޭގައި މިއޮތް ގައުމީ ސްކޮޑަކީ އެންމެ ޒުވާން ގައުމީ ޓީމެވެ.
މިއަދު ގައުމީ ޓީމުން ފިލިޕީންސް އާއި ދެކޮޅަށް ނިކުންނައިރު ޓީމަށް އެންމެ ބޭނުންވަނީ ސަޕޯޓަރުންގެ ސަޕޯޓެވެ. ސަޕޯޓަރުން ޖޯޝާ ފޯރި ނަގަން އެބަޖެހެވެ. "ރެޑް ސެނެޕާސް"ގެ ނަމުން މަޝްހޫރު ރާއްޖޭގެ ސަޕޯޓަރުން ދަނޑަށް ވަދެ ދަނޑުގައި ފޯރި ނަގަން އެބަޖެހެވެ.
ގައުމީ ކެޕްޓަން އަކްރަމް އަބްދުއްޤަނީ (އަކޫ)ގެ އާދޭހަކީ މެޗަށް ނިކުންނަ ކުޅުންތެރިންނަށް ސަޕޯޓް ކޮށްދިނުމަށް 12 ވަނަ ކުޅުންތެރިޔާ ދަނޑަށް ދިޔުމެވެ. އަކޫ ބުނާ ގޮތުންނަމަ ދަނޑަށް ސަޕޯޓަރުން ގޮސް ސަޕޯޓް ކޮށްދީފިނަމަ ސަޕޯޓަރުން ދެރަވާނެ ފަދަ ނަތީޖާ އެއް މި މެޗުން ނުފެންނާނެއެވެ. ސަޕޯޓަރުން ދަނޑުން ނިކުމެގެންދާނީ ހިތްހަމަ ޖެހުމާއިއެކުގައެވެ.
އެހެންކަމުން ގައުމީ ޓީމަށް ސަޕޯޓް ކޮށްދިނުމަށް މިއަދު ދަނޑަށް ގޮސް ދަނޑު ފުރާލަމާހެއްޔެވެ. ސަރުކާރާއި، ރައްޔިތުންގެ މަޖިލީސް މެމްބަރުން އަދި އެފްއޭއެމް އިން ކުރަމުން ގެންދާ މަސައްކަތުގައި ބައިވެރިވެ ދިވެހި ކުޅުންތެރިންނަށް ހިއްވަރު ދެމާހެއްޔެވެ. ހަމަ ގައިމުވެސް ދިވެހި ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ އެންމެ ވަރުގަދަ ހަތިޔާރެވެ.