މުއްދަތު ހަމަވެފައިވާ ވޮލީގެ ނޯމަލައިޒޭޝަން ކޮމެޓީން ނެގި އަށް ކްލަބް އިސްކޮށް އެވެ، ކުއްލި ގޮތަކަށް ބޭއްވި ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އާންމު ޖަލްސާގައި އިންތިހާބީ ރައީސް މުހައްމަދު ލަތީފް (ލަތީބެ)ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައި އެ މަގާމުން އޭނާ ވަކި ކޮށްފިއެވެ.
ވީއޭއެމްގެ ރައީސް ކަމުގެ މަގާމުން ލަތީބެ ވަކިކޮށްފައިވަނީ ބުރާސްފަތި ދުވަހު ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައި ބޭއްވި އެ އެސޯސިއޭޝަނުގެ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ވީއޭއެމްގެ މެމްބަރު އަށް ކްލަބުގެ ތެރެއިން ހަ ކްލަބް ބައިވެރިވެފައިވެއެވެ.
ބުރާސްފަތި ދުވަހު ބޭއްވުނު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓައިފައިވަނީ ނައިބު ރައީސް އަލީ ފަޒާދުއެވެ.
ލަތީބެގެ މައްސަލަ ހުށަހަޅައިފައިވަނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިންނެވެ. ޑީއެސްސީގެ ހުށަހެޅުމަށް ތާއިދު ކޮށްފައިވަނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުންނެވެ. އެ ހުށަހެޅުން ފާސްވެގެންދިޔައީ ހަ ކްލަބް ބައިވެރިވި ޖަލްސާގެ އިއްތިފާގު ވޯޓުންނެވެ.
ވީއޭއެމްގެ ރައީސްކަމުގެ މަގާމުން ލަތީބެ ވަކިކުރުމާއި ގުޅިގެން އެ އެސޯސިއޭޝަނުގެ ގަވައިދު ބުނާގޮތަށް 30 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބޭއްވުމަށް ތިން މެމްބަރުންގެ ކޮމެޓީއެއް ނެގުމަށް ހުށަހަޅައި އެ ހުށަހެޅުންވެސް ވަނީ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ފާސް ކޮށްފައެވެ.
މީގެ އިތުރުން ޕޮލިސް ކުލަބުން ވަނީ ވޮލީ އެސޯސިއޭޝަންގެ އަސާސީ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ހުށަހަޅައިފައެވެ. އެ ހުށަހެޅުންވެސް ފާސްވެފައިވަނީ އިއްތިފާގުންނެވެ.
ވީއޭއެއެމްގެ ރައީސް ކަމުން ލަތީބެ ވަކިކޮށްފައި މިވަނީ ސްޕޯޓްސް ކޮމެޝަނަރު އަހްމަދު ސަލީމާއި މައްސަލަ ތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑު ތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އެ މައްސަލަތައް ފެށިގެން ދިޔައީ ވީއޭއެމްގެ އިންތިހާބީ ކޮމެޓީ އަތުން ބާރުތަށް ނަގައި، އެ ބާރުތައް ސަލީމް އިސްވެ ހުންނަވައި ހެދި ވޮލީ ނޯމަލައިޒޭޝަން ކޮމެޓީ އާއި ހަވާލުކުރި ހިސާބުންނެވެ. ނޯމަލައިޒޭޝަން ކޮމެޓީގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީ އިން ވަނީ ވޮލީގެ ނޯމަލައިޒޭޝަން ކޮމެޓީގެ ބަލައި ނުގަންނަ ކަމަށާއި އެ ކޮމެޓީއިން ނިންމާ ނިންމުންވެސް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. މީގެއިތުރުން ވޮލީ ނޯމަލައިޒޭޝަން ކޮމެޓީގެ ބަދަލުގައި އިންތިހާބީ ރައީސް ލަތީބެ އާއި މުއާމަލާތުކުރުމަށް ވެސް އެފްއައިވީބީއިން އަންގައިފައެވެ.
އެފްއައިވީބީން މިހެން އަންގާފައިވަނިކޮށް، ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ސައްހަ މެމްބަރު ކްލަބްތަކެއް ކަނޑަ އަޅައި، ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ހިންގާ ގަވައިދަށް ބަދަލުތަކެއް ގެނެސްފައެވެ.