ޕަރިނީތީ ޗޯޕްރާ އަކީ ބޮލީވުޑްގެ އަންހެން ފަންނާނުންގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއެވެ.
2011 ވަނަ އަހަރު ނެރުނު ''ލޭޑީސް ވާސެސް ރިކީ ބެލް'' އިން ފިލްމީ ކެރިއަރު ފެށި ޕަރިނީތީ ވަނީ ޝުދް ދޭސީ ރޮމޭންސް، ހަސީ ތޯ ޕަސީ، އަދި ކިލްދިލް ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. މި އަހަރު ނެރުނު ''ކޭސަރީ'' ވެފައިވަނީ ޕަރިނީތީގެ ކެރިއަރުގައި ކުޅުނު އެންމެ ވަރުގަދަ އެއް ފިލްމަށެވެ.
ބޮލީވުޑްގެ ތަރިން މި ފަހަކަށް އައިސް ބައޮފިކްތައް ސޮއިކުރަމުން އަންނައިރު، ޕަރިނީތީވެސް ވަނީ ދާދި ފަހުން ބައޮފިކެއް ކުޅެން ސޮއިކޮށްފައެވެ. އެގޮތުން ޕަރިނީތީ ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ޙަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބައޮފިކްއެވެ.
އެ ފިލްމުގައި އޭނާ ފެނިގެންދާނެ ރޯލާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕަރިނީތީ ބުނީ، ފިލްމަށް އެންމެ ރަނގަޅަށް ތައްޔާރުވުމުގެ ގޮތުން ހައިދަރްއާބާދުގައި ހުންނަ ސައިނާގެ ގެއަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ބޭނުންވަނީ އެގެއަށް ގޮސް ސައިނާ އުޅޭ ގޮތާއި، އޭނާ ކާއެއްޗެއްސާއި ގޭގައި ކުރާ ކަންތައް ރަނގަޅަށް ހޯދަންށެވެ.
ޕަރިނީތީގެ ކުރިން އެ ފިލްމު ކުޅެން ސޮއިކުރީ ޝްރައްދާ ކަޕޫރެވެ. އެހެންނަމަވެސް ފިލްމުގެ ޝެޑިއުލްތަކަށް ވަގުތު ހުސްކުރަން ދަތިވެ ޝްރައްދާ އެ ފިލްމު ދޫކޮށްލިއެވެ. އޭނާ ވަނީ ބެޑްމިންޓަންގެ ޓްރެއިނިން ގައި ކޮންމެވެސް ވަރަކަށް ބައިވެރިވެސް ވެފައެވެ. އަދި މިހާތަނަށް އެ ފިލްމުގެ ކާސްޓުން ނުވަތަ ފިލްމު ރިލީޒް ކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.