ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 17:48
ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް (ލަތީބެ)
ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް (ލަތީބެ)
ފޭސްބުކް
މުހައްމަދު ލަތީފް (ލަތީބެ)
ދެރަގޮތެއް މެދުވެރިވެދާނެ، ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ހުއްޓާލާ: ލަތީބެ
އެފްއައިވީބީގެ އެންގުމަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރެއްވި

ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ ސަލީމް އެކުލަވާލާފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް ހުއްޓާ ނުލައިފިނަމަ، ދެރަގޮތެއް ކުރިމަތިވެދާނެ ކަމަށް ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

ލަތީބެ ސޮއިކުރައްވާ ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ވީއޭއެމްގެ އިންތިޚާބީ ހިންގާ ކޮމިޓީގެ ބާރު ކަނޑުވާލައި، ޤާނޫނުތަކާއި، އޮލިމްޕިކް ޗާޓަރާއި ޚިލާފަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށާއި، ވީއޭއެމްގެ ހިންގުން، އިންތިޚާބީ ހިންގާކޮމިޓީއާއި ހަވާލުކުރުމަށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު، އެފްއައިވީބީ އިން، ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރމަންއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ލަތީބެ ވިދާޅުވީ، އެފްއައިވީބީގެ އެންގުމާ ޚިލާފަށް ވީއޭއެމްގެ ހިންގާ ކޮމިޓީގެ އައު އިންތިޚާބެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީއިން މިހާރު މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީން ނުވަތަ ނޭދެވޭ އެއްވެސް ނުފޫޒެއް ފޯރުވައިގެން ބާއްވާ އެއްވެސް އިންތިޚާބެއް ބަލައި ނުގަންނާނެކަމަށާއި، އަދި އިންތިޚާބުވާ ހިންގާ ކޮމިޓީއެއްވެސް ބަލައިނުގަންނާނެކަމަށް، އެފްއައިވީބީގެ ފަރާތުން، އެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓަކަށް އަންގަވާފައިވާކަމަށް، ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން ލަތީބެ ވިދާޅުވީ، ޤާނޫނުތަކާއި އޮލިމްޕިކް ޗާޓަރާއި އެފްއައިވީބީގެ އެންގުމާ ޚިލާފަށް، ނޯމަލައިޒޭޝަން ކޮމިޓީން ހިންގަމުން ގެންދާ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ނޯމަލައިޒޭޝަން ކޮމިޓީއަށް އިލްތިމާސްކުރާ ކަމަށާއި، އޮލިމްޕިކް ޗާޓަރަށާއި އެފްއައިވީބީގެ އެންގުމާ އެއްގޮތަށް ޢަމަލުކުރުމަށް ވީއޭއެމްގެ އެންމެހާ މެމްބަރު ކުލަބުތަކަށް ތަކުރާރުކޮށް ހަނދާންކޮށްދޭ ކަމަށެވެ.

މީގެއިތުރުން އޮލިމްޕިކް ޗާޓަރާއި އެފްއައިވީބީގެ އެންގުމާ ޚިލާފަށް، ނޯމަލައިޒޭޝަން ކޮމިޓީން ޢަމަލުކުރަމުންދާގޮތުން، ވޮލީބޯޅައަށް ދެރަގޮތެއް މެދުވެރިވެދާނެކަމަށް ފެންނާތީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބީ ހިންގާކޮމިޓީގެ ފަރާތުން ނުހަނު ހިތާމަކުރާ ކަމަށްވެސް ލަތީބެ ވިދާޅުވިއެވެ. އަދި ޒާތީ ތައައްޞުބާއި ހަސަދަ އެއްފަރާތްކޮށް، ކުޅިވަރުގެ ރޫޙާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް ވީއޭއެމްގެ އިންތިޚާބީ ހިންގާކޮމިޓީގެ ފަރާތުން ނަޞޭޙަތްތެރިވާ ކަމަށްވެސް ލަތީބެ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
23 އޮކްޓޯބަރ 2019 | ބުދަ 22:38
ޜަސީދު
ލަތީ ބެބ ބޭރުކުރޭ