މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގެ ތެރެއިން، ތަހުގީގު ކުރެވެމުންދާ ބައެއް ފަރާތްތައް މާލިއްޔަތު ކޮމިޓީގައި އެބަތިއްބެވި ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ 50 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، އެއީ ކޮން ބައެއްކަން ވިދާޅުނުވީ ނަމަވެސް، އެ ފަރާތްތަކަށް އެއީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ތަހުގީގަށް ހުރަސް އެޅިދާނެތީ އެ ކޮމިޓީ ސިއްރުކުރަން ޕީޖީ އެދިވަޑައިގަތުމުން، ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ ކޮމިޓީ ސިއްރުކުރުމަށް ވަނީ ނިންމާފަ އެވެ.
ޕީޖީ ބިޝާމް ކޮމިޓީ ސިއްރުކުރަން ފުރަތަމަ އެދިވަޑައިގަތުމުން، އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝީޒު ނިންމެވީ ކޮމިޓީގައި ހާމަކުރެވެން ހުރި މައުލޫމާތާ އެކު ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ. އަދި ސިއްރުކުރަން ބޭނުންވާނަމަ، ފަހުން އެހެން ކޮމިޓީ ބައްދަލުވުމެއް ސިއްރުކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ނާޝިޒު ވިދާޅުވި އެވެ.
ނަމަވެސް، އެ މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތައް މާލިއްޔަތު ކޮމިޓީގައި ވެސް އެބަ ތިއްބެވި ކަމަށް ޕީޖީ ބިޝާމް ވިދާޅުވުމުން، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ޕީޖީ އެދިލައްވާ ގޮތަށް ކޮމިޓީ ސިއްރުކުރުމަށް ހުށައަޅާފައެވެ. ރިޔާޒް ވިދާޅުވީ، ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ޕީޖީ ވިދާޅުވާ ކަމުގައިވަނީ ނަމަ ކޮމިޓީ ސިއްރުކުރަން ހުށައަޅުއްވާ ކަމަށެވެ.
ނަމަވެސް، ކޮމިޓީގެ އިއްތިފާގުން ފާސްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށައެޅުއްވި ހުށައެޅުމެވެ. ޔައުގޫބް ހުށައެޅުއްވީ، ޕީޖީ އެދުނު ގޮތަށް ކޮމިޓީ ސިއްރުކުރުމުގެ އިތުރަށް، އެމްއެމްޕީއާރްސީގެ މައްސަލައިގައި ތަހުގީގުކުރެވުމުންދާ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަކީ ކޮން ބައެއް ކަން އެނގުމުން، އެ މެމްބަރުންނާ ނުލާ ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ. މި ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުން ހާޒިރުކުރެވުނީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓްތަކާއި ގުޅިގެން މަޝްވަރާކުރެއްވުމަށެވެ.