ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުމުގެ ޚަރަދަށް ދާނީ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ އަދަދެއް ކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދަތުރުފަތުރާއިބެހޭ ބިލް ޑްރާފްޓު ކުރުމަށް އެކުލަވާލި ސަބްކޮމެޓީއަށް ހާޒިރުވެ ވާހަކަދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ޒޯންތަކަކަށް ބަހާލެވިފައިވާއިރު، އެ ޒޯންތަކުގައި ދަތުރުފަތުރުގެ ނިޒާމް ޤާއިމްކުރާނެގޮތުގެ "ކޮންސެޕްޗުއަލް ޕްލޭން" އެއް ގެންގުޅުއްވާ ކަމަށެވެ. އަދި މައިގަނޑުގޮތެއްގައި އެ ޕްލޭނުގައި ވަނީ އެއް ރަށާއި އަނެއް ރަށާއި ގުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށް އަސްލަމް ވިދާޅުވި އެވެ.
ބައެއް ރަށްރަށް ހުންނާނެ އެއް ރަށާއި އަނެއް ރަށާއި ދޭތެރޭގައި ތަންކޮޅެއް ފްރީކުއެންސީ ހައިކޮށް، އަނެއްބައި ތަންތާގައި، އެކަމު އަޅުގަނޑުމެން މި ގެންގުޅޭ ސިޔާސަތަކީ އެއްރަށުން އަނެއް ރަށަށް، އެއް ޒޯނުތެރޭގައި އުޅޭ، އެތަނުން ކޮންމެ ރަށެއްގައި ހުރި މީހަކުވެސް އެ ޒޯނުގައި އޮތް އެހެން ރަށަކަށް ވެސް އެދުވަހުގެ ތެރޭގައި ގޮސް އެދުވަހު އަނބުރާ އާދެވެން ޖެހޭނެ. އޭނަ ރޫޓެއް ނަގާފާނެ ތަނެއްގައި މަޑުކޮށްފަ، ތަނެއްގައި ޓްރާންސިޓުވެގެން ދާން. އެހެނަސް އަނބުރާ އާދެވެން ޖެހޭނެ. އެއީ ޒޯނުގެ ތެރޭގައި.މުހައްމަދު އަސްލަމް / ޕްލޭނިންގް މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ ޒޯނުތައް ބަހާލާފައި ހުންނަނީ 35 ކިލޯމީޓަރުގެ ރޭޑިއަސްއެއްގެ ތެރެއަށް ކަމަށެވެ. އަދި ދުރުމިނާއި، އެ ސްޕީޑުގައި ދަތުރު ކުރުމުން އެ މަންޒިލަކަށް ދެވޭނެ ވަގުތުވެސް ޕްލޭނުގައި ހިމަނާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެއީ 35 ކިލޯމީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި 30 ނޮޓްސް ދުވާ ކަމަށް ވަންޏާ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ އަސްލުގައި.މުހައްމަދު އަސްލަމް / ޕްލޭނިންގް މިނިސްޓަރ
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޚިދުމަތްތައް ބެހިފައިވަނީ ތިން ލެވެލްއަކަށް ކަމަށެވެ. އެއީ ރީޖަނުގެ ތެރޭގައި އާއި އެއް ރީޖަނުން އަނެއް ރީޖަނަށް ދަތުރު ކުރުމުގެ އިތުރުން މުޅި ރާއްޖޭގައި ދަތުރު ކުރުން ކަމަށެވެ. އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދާނެ ޚަރަދު އަންދާޒާ ކުރެވިފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރީޖަންތަކުގެ ތެރޭގައި އާއި އެއް ރީޖަނުން އަނެއް ރީޖަނުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމް ގާއިމު ކުރުމުގެ ޚަރަދަށް ދާނީ 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ އަދަދެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. އަސްލަމް ވިދާޅުވީ އެ ނިޒާމު ގާއިމު ކުރުމަށް އިންފްރާސްޓްރަކްޗަރަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ. އެގޮތުން ހާބަރުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ކޮންމެ ރީޖަންއެއްގައި ފެރީޓަރމިނަލެއް ހުރުމުގެ އިތުރުން ކޮންމެ ރަށެއްގައިވެސް ފެރީ ޝެލްޓަރ އެއް ހުންނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.