ޑާކްރެއިން އެންޓަޓެއިންމެންޓުން 2018 ވަނަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "ވަކިން ލޯބިން" ބައިސްކޯފު އެޕުގައި ސްޓްރީމްކުރަން ފަށައިފިއެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ ފިލްމު ބައިސްކޯފުން ބަލާލެވޭނެކަން އިއުލާންކޮށްފައެވެ.
ބައިސްކޯފަކީ ދިވެހި ރާއްޖޭގެ މުނިފޫހުފިލުވުމުގެ ދާއިރާއަށް އައި ބޮޑު އިންގިލާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އެ އެޕުން ދިވެހި ފިލްމް، ދިވެހި ލަވަ، އަދި ތަފާތު ޓީވީ ޝޯތައް ވެސް ބަލާލެވޭނެއެވެ. އޭގެ އިތުރުން ކުޑަ ކުދިންގެ ޕްރްގްރާމުތަކާއި މަދަހަ އަދި އޯޑިއޯ ލަވަ ވެސް ބައިސްކޯފުގައި ހުރެއެވެ.
"ވަކިން ލޯބިން" އަކީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ފިލްމުގެ ގިނަ ޝޯވތަކެއް ދެއްކި ފިލްމެކެވެ. އަދި ބެލުންތެރިންގެ ފަރާތުން "ވަކިން ލޯބިން" އަށް ބޮޑު ތަރުހީބެއް ލިބުން އިރު އެ ފިލްމުގައި ފެނިގެންދިޔަ ތަރިންގެ އެކްޓިން ވެސް ގިނަ ބަޔަކަށް ކަމުދިޔައެވެ.
އައިޝަތު ފުއާދުގެ ސްކްރީންޕްލޭ އަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔައީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް ފެނިގެންދިޔައެވެ.
"ވަކިން ލޯބިން" ގެ އިތުރުން ޑައިރެކްޓަރު އަބްދުﷲ މުއާޒުގެ "ލީނާ" އަދި ނިއުމާ މުހައްމަދުގެ "ނިވައިރޯޅި" ފަދަ ފަހުގެ ފިލްމުތައް ބައިސްކޯފުން މިހާރު ބަލާލެވޭނެއެވެ. މި މަހުގެ 25 ވަނަ ދުވަހު އަމްޖަދު އިބްރާހީމްގެ "ރޭވުމުން" ވެސް ސްޓްރީމް ކުރުމަށް ވަނީ ނިންމާފައެވެ.