ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރީރަސްޖިސްޓާ ވުމަށް ފުރުސަތު ހުޅުވާލުމުން ހޮނިހިރު ދުވަހު ގަލޮޅު ދަނޑު ފުރާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން، ބިދޭސީން ރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގައެވެ. ނަމަވެސް މިދިއަ ހޮނިހިރު ދުވަހު ރަޖިސްޓްރީ ވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ހޮނިހިރު ދުވަހު ހެންދުނު 07:30 ރަޖިސްޓާ ކުރުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިއަށްދާނެ ކަމަށް ބުނެފައިވާތީ، އެއްތައް ހާސްބަޔަކު ވަނީ ގަލޮޅު ދަނޑުގެ ސަހައްދަށް ޖަމާވެފަ އެވެ. ހުކުރު ދުވަހުގެ ރޭ 12:00 ހާއިރުވެސް، ގަލޮޅު ދަނޑު ހުންނަ ބަނަފްސާމަގުގައި ގިނަ ބަޔަކު ޖަމާވެ، ކިޔޫގައި ތިއްބެވެ. އަދި ހެންދުނު 06:00 ހާއިރު، ބަނަފްސާމަގު އެއްކޮށް، ބޮލޮކްވެ، އެއްވެސް ދުއްވާއެއް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ. ބަނަފްސާމަގުގެ ޕޭމަންޓްމަތިން އާއްމު ރައްޔިތުންނަށް ހިނގޭނެގޮތް އޮތް ނަމަވެސް ހިނގާ މީހުންނަށާއި އެމަގުގައި ދިރިއުޅޭ މީހުންގެ ސައިކަލް ފަދަ ތަކެތީގައި އޮފީހަށް ދިއުންފަދަ ކަންކަމަށް ކޮންމެވެސް ވަރަކަށް ދަތިތަކާ ކުރިމަތިވެފައި ވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް 105،000 އެއްހާ ބިދޭސީން އުޅޭކަމަށް ވެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންގެ އަތުގައި ޕާސްޕޯޓް އަދި ވޯކްޕާމިޓްފަދަ ޑޮކިއުމަންޓެއް ނެތެވެ. ޕާސްޕޯޓް ނެތް މީހުންގެ ޕާސްޕޯޓް ހެއްދުމުގައި ދަތިތަކާކުރިމަތިވެފައި ވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުމަށް ސަރުކާރުން ވަނީ "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވޯކާސް" ގެ ނަމުގައި ޓާސްކްފޯހެއް އުފައްދާފަ އެވެ.
އެޓާސްކްފޯސް ވަނީ އެއް އަހަރު ދުވަހަށް ލޭބަރުން ރާއްޖެ ގެނައުން މަނާކުރުމަށް ނިންމާފަ އެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ.