ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މަސައްކަތްކުރި ނަމަވެސް ސަރުކާރުގެ މަގްސަދަކީ އެ ދާއިރާތަކަށް އިގްތިސާދު ބަރޯސާވެފައި އޮތް މިންވަރު ކުޑަކޮށް އިގްތިސާދު ކުރިއަރުވާނެ އިތުރު ސިނާއަތްތައް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިންޑިއަން އެމްބަސީއިން އިންތިޒާމްކޮށްގެން ރާއްޖެއާއި ކެރެލާއާއި ދެމެދު ވިޔަފާރީގައި ހުރި އިތުރު ފުރުސަތުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބުދަ ދަވަހުގެ ހެނދުނު ބޭއްވި ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ގާތް ގުޅުމުގެ ސަބަބުން ފާއިތުވެގެންދިޔަ 11 މަހުގެ ތެރޭގައި ރާއްޖެއާއި އިންޑިއާ ދެމެދުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަމަށާއި ، އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެކަމަށެވެ.
ރާއްޖޭގައި ވިޔަފާރީގެ ދައިރާގައި ފަހި ފުރުސަތުތަކެއް ހުރި ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މަގްސަދަކީ ހަމައެކަނި އިތުރު ފުރުސަތުތައް ހޯދުން ނޫންކަމަށާއި އަބަދުވެސް ރާއްޖެއިން މަސައްކަތް ކުރަނީ ހުރިހާ ދާއިރާއެއްވެސް އިތުރު ހަރުފަތަކަށް ގެންދިޔުމަށްކަމަށެވެ. އެގޮތުން ހާއްސަކޮށް އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކޮށް އިގްތިސާދު ކުރިއެރުވުމަށް އިތުރު ގޮތްތައް ހޯދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިނިސްޓްރީން މިހާރު އެންމެ ގަދައަޅައި ކުރާ އެއް މަސައްކަތަކީ ރާއްޖޭގެ އިގްތިސާދު ޒަމާނީ ފެންވަރަށް ބަދަލުކޮށް ވިޔަފާރީގެ ދާއިރާ ކުރިއަރުވުމަށް ހުރަހަކަށް ހުރި ބައެއް ގަވާއިދުތައް ބަދަލުކުރުން ކަމަށެވެ. މީގެ އިތުރުން، ފޮރިން އިންވެސްޓްމެންޓް އިތުރުކޮށް ، ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ބަދަލުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެކަމަށާއި މިކަމުގެ ސަބަބުން ބޭރު އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިވެރިން ކުރާ އިތުބާރު ބޮޑުވެގެންދާނެ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށްޓަކައި ކުރައްވާ މަސައްކަތުގައި އިންޑިއާ އަކީ މުހިންމު ބައިވެރިއެއްކަމަށެވެ.