Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 10:59
ސީއެސްސީގެ ނާއިބު ރައީސް ޝަހީދު މުހައްމަދު، މަޖިލީހުގެ ކޮމެޓީގައި--
ސީއެސްސީގެ ނާއިބު ރައީސް ޝަހީދު މުހައްމަދު، މަޖިލީހުގެ ކޮމެޓީގައި--
ޝުއައިބް މުހައްމަދު އިގްބާލް
ސީއެސްސީ
ސީއެސްސީގެ ނާއިބު ރައީސް ޝަހީދު މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިފި
ޝަހީދު ކޮމިޝަނުގެ މެމްބަރު ކަމުގެ ޝަރުތު ފުރިހަމައެއް ނުވޭ
ޝަހީދު މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު
ސީއެސްސީގެ މައްސަލައެއް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދަނީ ދިރާސާ ކުރަމުން

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބް ރައީސް ޝަހީދު މުހައްމަދު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިނިވަން މުއައްއަސާތަކައި ބެހޭ ކޮމިޓީން ފޮނުވައިފިއެވެ.

މަޖިލީހުގެ ރައީސް އެގޮތަށް ނިންމަވާފައި މިވަނީ، މަޖިލީހަށް ހުށަހެޅިފައިވާ ސިވިލް ސާވިސް ކޮމިޝަނުގެ މައްސަލައެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ހޮވާފައިވާ ކުޑަ ކޮމެޓީން އެމައްސަލަ ދިރާސާ ކުރަމުންދަނިކޮށެވެ.

މިހަފުތާގެ އާދިއްތަ ދުވަހު، މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެމައްސަލަ ދިރާސާކުރި ކުޑަ ކޮމެޓީން އެ ކޮމެޓީއަށް ފޮނުވި ލިޔުމުގައި ވަނީ ސީއެސްސީގެ ނާއިބު ރައީސް ޝަހީދު އެކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކޮށްފައިވަނީ ސިވިލް ސާވިސް ގާނޫނާ ހިލާފަށް ކަމަށްވާތީ އެމައްސަލަ އެކޮމެޓީއަށް ފޮނުވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އެމައްސަލާގައި މަޝްވަރާކުރެއްވުމަށްފަހު، ކޮމެޓީން ނިންމާފައިވަނީ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް އެމައްސަލަ ގެނެސް މަޖިލީހުން އެކަމަށް ގޮތެއް ނިންމުމަށް ފޮނުވުމަށެވެ.

މަޖިލީހުގެ ރައީސަށް އެމައްސަލަ ކޮމެޓީން ހުށަހެޅުމާއެކު ބުދަ ދުވަހުގެ ޖަލްސާގައި ސިވިލް ސަރވިސް ކޮމިޝަނުން ޝަހީދު ވަކިކުރުމުގެ މަރުހަލާތައް މިވަނީ ފެށިފަ އެވެ.

Advertisement

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ބަލަމުންދަނީ ވެސް ސީއެސްސީގެ މެމްބަރުންނާ ގުޅުންހުރި މައްސަލައެކެވެ. އެމައްސަލަ ކުޑަ ކޮމެޓީން ބަލަމުން ދަނިކޮށް، އެކޮމެޓީންއަށް ވަނީ ޝަހީދު ސީއެސްސީގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ސީއެސްސީގެ ގާނޫނާ ހިލާފަށް ކަމަށް ފާހަގަ ކުރެވި އެވެ.

ޝަހީދު މަގާމުން ވަކިކުރަން ނިންމާފައިވަނީ، ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރެއްގެ މަގާމުގެ ޝަރުތު ފުރިހަމަ ނުވެ، އޭނާ އެމަގާމަށް އައްޔަން ކުރައްވާފައިވާކަން ކުޑަ ކޮމެޓީން ދިރާސާ ކުރަމުންދިޔައިރު ފާހަގަ ކުރެވިގެންނެވެ.

ސީއެސްސީ ގާނޫނުގައި ބުނާ، ކޮމިޝަނުގެ މެންބަރުންގައި ހުރުން ލާޒިމުވާ ސިފަތަކުގެ ތެރެއިން، ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކުރުމަށްފަހު، ސަރުކާރުގައި ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ހިދުމަތްކޮށްފައި ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ބުނާ ޝަރުތު، ޝަހީދުގެ ފުރިހަމަ ނުވާ ކަމަށް ކުޑަ ކޮމެޓީން ފޮނުވި ލިޔުމުގައި ވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ޝަހީދު އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސްގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ރައީސް ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް