ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާން ކޮށްފި އެވެ.
ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން އިއުލާން ކޮށްފައި މިވަނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ހައިކޯޓަށް ދެ ފަނޑިޔާރުން އިތުރުކުރަން ފާސްކުރުމާ ގުޅިގެންނެވެ. އެ އިސްލާހުގައި ވަނީ، ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި، އެކޯޓަށް އައްޔަންކުރެވޭ އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
އެ ގާނޫން އިސްލާހުކޮށް، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއު ކޮށްފައިވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ފާއިތު ވެއްޖެ އެވެ. އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވެސް އިތުރުކުރި ދެ ފަނޑިޔާރުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި އައްޔަން ކުރަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެ ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީ އިއުލާން ކޮށްފައި މިވަނީ ވެސް އޭގެ ދެ އަހަރު ފަހުންނެވެ. ހައިކޯޓަށް ދެ ފަނޑިޔާރުން އިތުރު ކުރުމަށް ކޯޓުތަކުގެ ގާނޫނު ތަސްދީގު ކޮށްފައި ވަނީ 18 ޖޫން 2017 ގަ އެވެ.
އެ ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ހައިކޯޓުގައި ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ އެކޯޓުގެ އިސްފަނޑިޔާރާއެކު ޖުމްލަ ނުވަ ފަނޑިޔާރުންނެވެ.
ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީކޮށްފައިވާ އެ އިއުލާނުގައިވާ ގޮތުން، އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރަށްވުރެ މަތީގެ ފަރާތްތަކަށެވެ. އަދި އިސްލާމީ ޝަރީއާގެ ރޮނގުން ނުވަތަ ގާނޫނުގެ ރޮނގުން ނުވަތަ ނުވަތަ އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި ނުވަތަ އެ ދެކަމުން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާވެސް އެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވާނެ ކަމަށް ބުނެފައި ވެއެވެ.
އެ އިއުލާނުގައިވާ ގޮތުން، އެ ފަނޑިޔާރުންނަށް މަހު މުސާރައެއްގެ ގޮތުގައި 36،000 ރުފިޔާ، ލިވިން އެލަވަންސެއްގެ ގޮތުގައި 15،000 ރުފިޔާ ލިބެއެވެ. ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް މަޖިލީހުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބިގެންދާނެ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ޖޭއެސްސީއަށް އެމީހެއްގެ ވަނަވަރާއި އަދި ތައުލީމީ ސެޓްފިކެޓުތަކާއި އެކު ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.