މަގާމުގައި ދެމި ހުންނެވިހާ ދުވަހަކު، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަށް ފެންވަރުގެ ހިދުމަތްދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އައިޝާ މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވުމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ހޯމަ ދުވަހު އޮތް ކޮމިޓީގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ މިހެން ވިދާޅުވީ، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ކުރެއްވި ސުވާލަކަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުންނެވެ.
ސިވިލް ސަރވަންޓުން ވަކިކުރުމާ ވަޒީފާ ދިނުމަކީ، މިނިވަން މުއައްސަސާއެއް ކަމުގައިވާ ސިިވިލް ސަރވިސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިހާތަނަށް އެ މިނިސްޓްރީން ފިޔަވަޅު އަޅާފައިވާނީ ޕަރފޯމަންސްގެ މަައްސަލަތަކާއި ހާޒިރީގެ މައްސަލަތައް އުޅޭ މުވައްޒަފުންނަށް އެކަނި ކަމުގެ ޔަގީންކަން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންނަށް އަރުވާފައެވެ.
ހިދުމަތުގެ ފެންވަރު ދަށްވެ ނޫނީ ޕަރފޯމެންސް ދަށްވެ ނޫނީ ވަޒީފާއަށް އެޓެންޑެންސްގެ ފެންވަރު ދަށްވެ، އެކަހަލަ މައްސަލައެއް ނެތް، ހަގީގަތުގައި ވެސް ފިޔަވަޅު އަޅަން ޖެހޭ ބޭފުޅަކާ މެދުގައި މެނުވީ ފިޔަވަޅު ނާޅާނެ ވާހަކަ ޔަގީންކަމާ އެކު ދަންނަވަންމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ
މިނިސްޓަރ އައިޝާ އިތުރަށް ވިދާޅުވީ ދެވޭ ހިދުމަތުގެ ފެންވަރު ދަށްވުމަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް ފެންވަރު ދަށް މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ އެކަމަނާއަކީ ވެސް ރައްޔިތުންގެ ހާދިމެއް ކަމަށާއި، އަދި އެކަމަނާގެ ވެރިޔަކީ ރައްޔިތުން ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރއެއްގެ ހައިސިއްޔަތުން، ޓްރާންސްޕޯޓް މިނިސްޓްރީ ނޫނީ ޓްރާންސްޕޯޓް އޮތޯރިޓީއިން ނޫނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެހެން އޮފީހެއްގައި، އަޅުގަނޑުމެންގެ ހިދުމަތް ހޯދަން އަންނަ ރައްޔިތު މީހާއާ މެދުގަ ނިކަމެތޮކޮށް އަމަލުކުރާ ތަން ފެނުމަކީ އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން. އެގޮތަށް އަމަލު ކުރެވޭ، ނުވަތަ ހިދުމަތް ދެވޭ، ނުވަތަ ދަށް ފެންވަރުގެ ހިދުމަތްދޭ ކޮންމެ ފަރާތަކާއި މެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު އަޅުގަނޑު ފިޔަވަޅު އަޅާނެ ވާހަކަ ދައްނަވަންމިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީން ނުހައްގުން މީހުން ވަޒީފާއިން ވަކިކުރާ ކަމުގެ އަޑުތަކެއް އިވެމުންދާ ދުވަސް ކޮޅެއްގައެވެ. އަދި މިނިސްޓަރ ނަހުލާ އެތަނުގެ މުވައްޒަފުން ކުޑައިމީސްކޮށް ޓްރާންސްޕޯތް އޮތޯރިޓީގެ މުވައްޒަފުންނާ މެދު ވާހަކަ ދައްކާކަމަށް ބުނާ އޯޑިއޯއެއް މިފަހުން ލީކުވެފައިވެއެވެ. ނަމަވެސް، މި އޯޑިއޯއާ ގުޅިގެން މިނިސްޓަރއަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިފައެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތަށް ފަރުވާ ކުޑަކަމަށް ގިނަ ބަޔަކު އަޑުއުފުލާފައިވެއެވެ.