ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހުޅުވާފައިވާ ނިއުޕޯރޓް ވިއު ހުސްކުރުމަށް ސިވިލްކޯޓުގެ ހުކުމްގައި އަންގާފައިވާ ގޮތަށް ތަންފީޒު ކުރުމަށް ދައުލަތުން ކޯޓުގައި އެދިއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެރުނު ނޫސްބަޔާނުގައި ބުނީ ނިއުޕޯޓް ހިންގަމުންދާ ބިން ހުސްކުރުމުގެ މައްސަލައިގައި އެތަން ހުސްކުރުމަށް ސިވިލް ކޯޓުން 26 ސެޕްޓެންބަރު 2019 ގައި އިއްވާފައިވާ ގާޟިއްޔާ ހުކުމާއި އެއްގޮތަށް ތަން ހިންގަމުންދާ ސްޓްރާޑާ ކުންފުނިން އަމަލުކޮށްފައިނުވާ ކަމަށެވެ.
ތަން ހުސްކުރުމަށް ސިވިލްކޯޓުގެ ހުކުމްގައި އަންގާފައިވާ ގޮތަށް ތަންފީޒު ކުރުމަށް ދައުލަތުން ކޯޓުގައި އެދިފައިވާއިރު، ސްޓްރާޑާ ކުންފުނިން ވަނީ 1.1 މިލިއަން ރުފިޔާ ހަވާލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް އެ ކުންފުނިން ނިންމާފައިވަނިކޮށްށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 6 ގައި ހުޅުވާފައިވާ 500 މީހުންގެ ޖާގައިގެ ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމެވެ. ކުރިން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒާހިދު ރަމީޒުވަނީ ފަހުން އެ ކުންފުނި ދޫކޮށް މަލަކާގެ ނަމަށް ބަދަލުކޮށްފައެވެ. ތަނުގެ ކުލީގެ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް ދެއްކުމަށް ނިއުޕޯޓް ވިއު ކުއްޔަށް ދީފައި ވަނީ 8 އަހަރަށެވެ.
މިދިޔަ އެޕްރީލް މަހު ތެރޭގައި ސަރުކާރުން ވަނީ އެތަން ހުސްކުރަން އަމުރަކަށާއި އެތަނުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.
ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ނިއުޕޯޓް ވިއު ހިންގާ ކުންފުނި ކަމަށްވާ ސްޓްރާޑާ ކުންފުނިން ސަރުކާރަށް 1.1 މިލިއަން ރުފިޔާ އެއްމަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ދެއްކުމަށެވެ.
ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާގޮތަށެވެ.