Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 13:58
ޝަހީދުންގެ ބިނާ
ޝަހީދުންގެ ބިނާ
އެމްއެންޑީއެފް
އެމްއެންޑީއެފް
ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި
ފަރުމާތައް ހުށަހަޅަންޖެހޭ އެންމެ ފަހު ސުންގަޑިއަކީ 2019 އޮކްޓޯބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00

ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ޝަހީދުންގެ ބިނާއެއް ފަރުމާކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ހޮވޭ ފަރުމާ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައި "ޝަހީދުންގެ ބިނާ" ނަމުގައެވެ. މި ބިނާ ވެގެންދާނީ މިޤައުމުގައި ޝަހީދުވި އެންމެހާ ދިވެހިންގެ ހަނދާނުގައި ޤާއިމުކުރާ ބިނާއަކަށެވެ.

ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ކުރިމަތިލާ ފަރާތުގެ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ޤާނޫނީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި، ހުށަހަޅާ ފަރުމާ ހޮވިއްޖެނަމަ އެމްއެންޑީއެފާއި ގުޅިގެން އެފަރުމާ އިތުރަށް ޑިވެލޮޕްކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަށް އެއްބަސްވުން ހިމެނެއެވެ.

މި ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތަކުގެ ތެރޭގައި ހުށަހަޅަން ބޭނުންވާ ފަރުމާގެ ކުރެހުންތައް ހިމަނާފައިވާ އޭ1 ސައިޒްގެ ފޯރމް ބޯރޑެއް ހުށަހެޅަންޖެހޭނެއެވެ. އަދި މި ފޯރމް ބޯޑުގައި ހުށަހަޅާ ފަރުމާ ޕީޑީއެފް ފޯމެޓުގައި ވެސް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ފަރުމާކުރެވޭ ބިނާގެ ކުރެހުންތަކާއި އޭގެ ތަފްސީލު ގިނަވެގެން އޭ3 ސައިޒްގެ 10 ގަނޑުގައި ބައިންޑް ކޮށްފައި ހުށަހަޅަންޖެހެއެވެ. އަދި މި ހުށަހެޅުން ހުށަހަޅަންޖެހޭނީ މައިކްރޮސޮފްޓް ވޯރޑް ފޯމެޓްގައި ސީޑީއެއްގައެވެ. އަދި އެ ހުށަހެޅުންތައް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަންވާނީ އެއްވެސް ނަމެއް ނުޖަހައި ބަންދުކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

މި ހުށަހަޅުންތަކާއެކު ފަރުމާކުރާ ފަރާތުގެ ވަނަވަރު ހިމެނޭ މަޢުލޫމާތު ޝީޓާއި، އެފަރާތުގެ އައިޑީކާޑު ކޮޕީވެސް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. ފަރުމާ ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައިޑީކާޑު ކޮޕީ ހުށަހަޅަން ޖެހޭނީ ވަކިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ފަރުމާތައް ހުށަހަޅަންޖެހޭ އެންމެ ފަހު ސުންގަޑިއަކީ 2019 އޮކްޓޯބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.

މިމުބާރާތުގައި އެންމެ ރަނގަޅު ހުށަހެޅުން ވެގެންދާނީ މިމުބާރާތް ރާވާ ހިންގާ ފަރާތްކަމުގައިވާ "ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު" ގެ މިލްކެއްގެ ގޮތުގައެވެ.

މިމުބާރާތާބެހޭ އިތުރު މަޢުލޫމާތު،އެމްއެންޑީއެފް ވެބްސައިޓް ޑައުންލޯޑްސްސަފްޙާގައި "ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް" މި ނަމުގައިވާ ލިންކުތަކުން ޑައުންލޯޑް ކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް