އައްޑޫ ސިޓީގެ އާންމު ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ އައްޑޫ ސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރަގައި މިހާތަނަށް ހާލުގައި ޖެހުނު އާއިލާތަކުގެ ތެރެއިން ވަގުތީ ހިޔަލުގައި މިހާރު ތިބީ ދެ އާއިލާއެއް ކަމަށެވެ.
އަދި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި 7 އާއިލާއެއްގެ ތެރެއިން 5 އާއިލާއެއް ގެއަށް ބަދަލުކުރެވިފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މޫސުމަށް ބަލާއި އިރު ކުރިއަށްވުރެ މޫސުން ރަނގަޅު ކަމަށް ސޯބެ ވިދާޅުވިއެވެ.
" ހެނދުނު ކުޑަކޮށް ވާރޭ ވެހުނު. އެހެންނަމަވެސް މޫސުން ރަނގަޅުކަމަށް ފެންނަނީ" ސޯބެ ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އެންމެ ބޮޑު އަތޮޅު ކަމަށްވާ އައްޑުއަށް ފާއިތުވި ދެ ދުވަހު ކުރި ވިއްސާރައިގައި ގިނަ ގެތަކަށް ގެއްލުންވިއެވެ. އެގޮތުން 140 ގެއްލުންވެ އެ ގެތަކަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ އާދިއްތަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން ފެންބޮޑުވި ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި އެމީހުންގެ ހާލު އަހުވާލު ބައްލަވާފައެވެ.
އައްޑޫ ސިޓީއަށް މިހަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ އައްޑޫ ސިޓީގެ އާންމު ހާލަތު ބައްލަވާލައްވާފައެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ހޯމަދުވަހު ހެނދުނު 9:00 އިން ފެށިގެން 15:00 އާއި ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ވައިޓް އެލަރޓް ނެރެފައިވާ ކަމަށެވެ.
އަދި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.