ބ އަތޮޅު ރަށްތަކުގެ ކައުންސިލްތަކަށް އާމްދަނީ ހޯދުމަށްޓަކައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި ކޮޓަރިތަކެއް އިމާރާތްކުރަން ނިންމައިފިއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމަތުދެމުން ބ. އަތޮޅު ކައުންސިލްގެ ރައީސް މަބުރޫކް ނަސީރު ވިދާޅުވީ، ބ. އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅުގެ 13 ރަށުގެ ކައުންސިލް އަށް އާމްދަނީ ހޯދައިދޭނެ ވަސީލަތެއް ގާއިމްކުރުމުގެ ގޮތުން ކޮންމެ ރަށެއްގައި ދެ ކޮޓަރީގެ އެޕާޓްމަންޓެއް އިމާރާތްކުރަން ނިންމާފައިވާ ކަމަށެވެ. ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުވުންކަން ފާހަގަކޮށް މަބުރޫކު ވިދާޅުވީ، ކޮންމެ ރަށެއްގައި ދެ ކޮޓަރީގެ އެޕާޓްމަންޓެއް އިމާރާތްކުރަން ފަންޑު ކުރަނީ އޭއީސީ އާއި ބ އަތޮޅު ކައުންސިލުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މަޝްރޫއުއަކީ ބޮޑު ހަރަދެއް ކޮށްގެން ހިންގޭ މަޝްރޫއެއް ކަމަށާއި ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް އެ ކޮޓަރިތައް އިމާރާތް ކުރަން ހަރަދުވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެ މަސައްކަތް ފަރާތަކަށް ހަވާލުކުރެވިގެންދާނެ ކަމަށެވެ. އޭގެއިތުރުން މަސައްކަތް ފެށުމަށްފަހު ދެ މަސް ދުވަހުގެ ތެރޭގައި އެ އެޕާޓްމަންޓްތަކުގެ ބޭނުން ކުރެވެން ފަށާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް އިމާރާތް ކުރަން ނިންމާފައިވާ ކޮޓަރިތަކުގެ ބޭނުން ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުގެ އިތުރުން ސްކޫލް ތަކަށް އަންނަ ޓީޗަރުންނަށާއި ހެލްތް ސެންޓަރުތަކުގައި މަސައްކަތް ކުރަން އަންނަ ޑޮކްޓަރުން އަދި ނަރުހުންނަށް ވެސް ބޭނުން ކުރެވިދާނެ ކަމަށް މަބްރޫކް ފާހަގަކުރިއެވެ.