ލަކުޑީގެ މޮޅު ވަޑާމާއި ލިޔެލާޖެހުމާއި ހިރިގަލުގެ ރީތި ކުރެހުންތަކުން ޒީނަތްތެރިކުރެވިފައިވާ ތާރީޚީ އަދި ޘަޤާފީ ގޮތުން ރާއްޖޭގައި ހުރި އެންމެ މުހިންމު މިސްކިތް ކަމަށްވާ މާލެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުމުވުގެ މަސައްކަތްތައް ހަލުވި ކަމާއި އެކު ކުރިއަށްއެބަދެއެވެ.
މީގެ 300 އަށް ވުރެ ގިނަ އަހަރު ކުރިން ހަދާފައިވާ އެ މިސްކިތުގައި ދާދި ފަހަކާއި ޖެހެންދެން އައި ނަމާދު ކުރަމުންނެވެ. ނިމިގެން ދިޔަ ސެޕްޓެމްބަރު މަހު އެ މިސްކިތް ބަންދު ކުރަން ނިންމީ މިސްކިތުގައި ކަތުރުފަނި އަޅައިގެންނެވެ. އަންގާރަ ދުވަހު މިސްކިތުގެ މަސައްކަތް ކުރިއަަށްދާ ގޮތް ނޫސްވެރިންނަށް ވަނީ ދައްކާލަފައެވެ.
މިސްކިތައް ލިބިފައި ހުރި ގެއްލުންތައް ބުނެ ދިނުމުގެ ގޮތުން މަތީގައި ހުރި ބެރިއާ ދިމާލަށް އަތް ދިއްކޮށްލާފައި ޘަޤާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންތް ރިސާޗް އޮފިސަރު އިސްމާއިލް އަޝްރަފް ވިދާޅުވީ، އެއީ އެންމެ ފުރަތަމަ ކަތުރު ފަނީގެ ނިޝާން ފެނުނު ބެރިކަމަށެވެ. އެ ބެރިން ކަތުރު ފަނި ފެނުނުތަނާއި އެކު އާބަތުރާ ފިލުވުމުގެ މަސައްކަތް ކުރަން ފެށިއެވެ.
މިސްކިތުގެ ތަނބުތަކުގެ ތެރެއިން ކަތުރުފަނި އެއްކޮށް ކާލާފައިވަ ތަނބެއް ދެއްކުމަހު އަޝްރަފް ވިދާޅުވީ، އެއިން ކޮންމެ ތަނބަކީވެސް ހިރިގަލު ބުޑަކަށް އިންދާފައިވާ ތަނބަކަށްވާއިރު އެ ތަނބުތަކުން ކަތުރު ފަނީގެ ނިޝާންތައް ފެނުމާއި އެކު ތަނބު ތަކުގެ ކައިރީ ހުރި ތަޅުންތައް ކަނޑާލާފައިވާ ކަމަށެވެ.
މިސްކިތުގެ ތަޅުން ތަނބުތަކުގެ ކައިރިފަށުން ތަޅާލާފައި އޭގެ އަޑީގައި ހުރީ ކިހިނެތްތޯ ބަލަން. އެގޮތަށް ބެލިބެލުމުގައި މި އެނގުނީ ހިރިގަލު ބުޑެއްގެ ތެރެއަށް އަޅާފައި ހުރީއިރު ގައި ތަޅުން ގަނޑާއި އެ ހިރިގަލު ބުޑާއި ދޭތެރޭ ވެލި ފަސްގަނޑު ތެރެއިން ކަތުރު ފަނި ދުވެފައި މިހިރީސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުގެ އެސިސްޓެންތް ރިސާޗް އޮފިސަރު - އިސްމާއިލް އަޝްރަފް
އަޝްރަފް ބުނީ، ތަނބު ހިރގަލުގެ ތެރެއަށް އިންދާފައި ހުރިއިރުގައި އެތެރެއިން ވާރޭވެހުމާއި އަދި އެހެނިހެން ގޮތް ގޮތުންވެސް ތެތްކަން ބިމުގައި ހިފާ ތެތްކަން ބިމުގެ ތެރެއަށް ދަމާ ކަމަށެވެ.
މިސްކިތުގެ ފެންޑާ ހިމެނޭ ގޮތަށް ކަތުރުފަނި ފެންނަން ހުރި ތަނަކަށް ފަރުވާދީ މުޅި ބިމަށްވެސް ފަރުވާދީފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ. ހުކުރު މިސްކިތުގެ ބިމު އަޑީގެ އެކި ޞަރަޙައްދުތަކުގައި ގިނަ ގަސްތަކެއް ހުންނައިރު އެ ކަހަލަ ބިމެއްގައި ކަތުރު ފަނި އަށަގަނަންނަނީ ކޮން ދިމާލެއްގައިކަން އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ބިމު އަޑިން ދަތުރުކުރާ އެއްޗަކަށްވާތީވެ އެއްޗެހި އަށަގަނެފައި ހުރި ހިސާބަކުން އެކި ދިމަދިމާލަށް ހަމަ އެއްޗެހި ދަތުރުކުރާނެއޭ. އެހެންވީމާ ބިމަށް އަޅުގަނޑުމެން މިސާލަކަށް މިހާރު މިދިން ޓްރީޓްމެންޓުން އެ ޓްރީޓްމެންޓުގެ ސަބަބުން ގިނަ ދުވަސްތަކެއްގައި ހިފަހައްޓަފާނެ.ރިސާޗް އޮފިސަރު ~ އިސްމާއިލް އަޝްރަފް~
އޭނާ ވިދާޅުވީ، ފަރުވާ ދިނުމަށް ފަހު އެކަން ބަލައި ރަނގަޅަށް މޮނިޓަރ ކުރަން ޖެހޭ ކަމަށެވެ. ޘަޤާފީ ތަރިކައާއި ބެހޭ މަރުކަޒުން ހުކުރު މިސްކިތުގެ އާބަތުރަ ފިލުވާނީ އެތަނުގެ ތަރިކައަށް ގެއްލުން ނުލިބޭ ގޮތަށެވެ.
ރާއްޖެ.އެމްވީ އަށް މައުލޫމާތުދެމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ނާއިލް ރަޝީދު ވިދާޅުވީ، މީގެ ކުރިން އެކަށީގެންވާ މިންވަރަށް މިސްކިތުގައި އާބަތުރަ ފިލުވިފައި ނުވާކަމަށާއި، އެންމެ ފަހުން އެތަނުގެ އާބަތުރަ ފިލުވާފައިވަނީ އިންޑިއާގެ އެހީގައި 1987 ގައެވެ. އެހެން ނަމަވެސް ކުރިން އެންމެ ރަނގަޅަށް ޕްލޭން ކޮށްގެން އާބަތުރަ ފިލުވުމުގެ މަސައްކަތް ނުކުރެވިފައިވާކަން ހިތާމައާއި އެކު އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އަޅުގަނޑުމެންގެ ތެރޭގައި ސަގާފީ ތަރިކައާއި ނޫނީ ތަރިކަ އާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރެވި މިކަމަށް އޮތް ޝައުގުވެރިކަމާއި އަހައްމިޔަތުކަން ދިޔަ ނަމަވެސް ވަރަށް ބޮޑަށް އަޅާނުލެވި ގޮސްފައި އޮތީ ހަގީގަތުގައި. އެހެން ވެގެން ކުރީގައި މިދިޔަ ދުވަސްތަކުގައި މިއަށް އެވަރަށް އަޅާނުލެވި އޮތުމުގެ ސަބަބުން ވަރަށް ބޮޑަށް ބާކީކޮށްލެވިފައި އޮތް ދާއިރާއެއް.އިސްމާއިލް ނާއިލް ~ ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު
ނާއިލް ވިދާޅުވީ، ހެރިޓޭޖް މިނިސްޓްރީއާ އިންޑިއާ ސަރުކާރާއި ގުޅިގެން މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު އިންޑއާގެ ޓީމުން ރާއްޖެއަށް ކުރި ދަތުރުގައި ވަނީ ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފައެވެ.
ދެއަހަރުދުވަހަށް ބަހާލައިގެން މިސްކިތް އާބާތުރަ ފިލިވުމުގެ މަސައްކަތް ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު މި މަސައްކަތް ފަށާނީ އަންނަ ނޮވެމްބަރުމަހުކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.