Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 14:39
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ޝުއައިބް މުހައްމަދު އިގްބާލް
ބިދޭސީ ޑޮކްޓަރުންގެ މައްސަލަ
ހެލްތް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގެ ޖަވާބު ނުލިބި ދެ މަސް!
ހެލްތް މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް އެދި ސިޓީ ފޮނުވާފައިވަނީ ޖުލައި 25 ވަނަ ދުވަހު
އިޖްތިމާއީ ކޮމިޓީން ފާސްކުރީ ތިން ދުވަހުގެ ތެރޭގައި ކުރިން ފޮނުވި ސިޓީއަށް ޖަވާބުދާރީވުމަށް ހެލްތް މިނިސްޓްރީއަށް ލިޔުމުން ފޮނުވަން
ތިން ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބިއްޖެ ނަމަ ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި ގޮތެއް ނިންމާނެ

ރާއްޖެއަށް ގެންނަ ބިދޭސީ ޑޮކްޓަރުންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ރެކްރޫޓްމަންޓް އެޖެންސީތަކުން މަޖިލީހަށް ހުށައެޅި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތަށް ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެއްޖެކަން ހާމަވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި އިޖްތިމާއީ ކޮމިޓީގައި ވާހަކަދައްކަވަމުން، އެ ކޮމިޓީގެ މުގައްރިރުގެ ނައިބު، މަޑަވެލި ދާއިރާގެ ޙުސައިން ފިރުޝާން ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތަށް ސިޓީ ފޮނުވާފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހުގައެވެ. ނަމަވެސް މިހާތަނަށް މި ސިޓީގެ ޖަވާބު ލިބިފައި ނުވާކަމަށް ކޮމިޓީގެ އިދާރީ ބޭފުޅުން މައުލޫމާތު ދީފައިވެއެވެ.

ރެކްރޫޓްމަންޓް އެޖެންސީތަކުން ވަނީ، މިނިސްޓްރީ އޮފް ހެލްތުން އިންޑިއާގެ އެޖެންސީއަކާ ގުޅިގެން ބިދޭސީ ޑޮކްޓަރުން ގެންނަ ކަމަށް ތުހުމަތު ކޮށްފައެވެ. މި މައްސަލައިގައި ވާހަކަދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު (ބޯދިގު) ވަނީ މިހެން މިކަން ވާނަމަ މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމިޓީގައި ދެ ހުށައެޅުމެއް ހުށައެޅިފައިވާއިރު، ދުވާފަރު ދާއިރާގެ މެމްބަަރު އިސްމާއިލް އަހުމަދު ފުރަތަމަ ހުށައެޅުއްވީ މިނިސްޓްރީ އޮފް ހެލްތްގެ ކަމާއިބެހޭ ފަރާތްތައް ހާޒިރުުކުރުމަށެވެ. ނަމަވެސް ފަހުން އެ ހުށައެޅުން ބަދަލުކޮށް މެމްބަރު ހުށައެޅުއްވީ މަޖިލީހުން ފޮނުވި ސިޓީގެ ޖަވާބު ތިން ދުވަހުގެ ތެރޭގައި ދިނުމަށް ހެލްތް މިނިސްޓްރީއަށް ސިޓީއެއް ފޮނުވުމަށެވެ.

Advertisement

ދެވަނަ ހުށައެޅުމަކަށް ހުށައެޅުނީ، ކުރިން ފޮނުވި ސިޓީގެ ޖަވާބު ފަސް ދުވަހުގެ ތެރޭގައި ދިނުމަށް އެދުމަށެވެ. މި ހުށައެޅުން ހުށައެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. ޝާހިދު ވިދާޅުވީ ފަސް ދުވަސް ދޭން ބޭނުންވަނީ، ސިޓީގައި ހިމަނަން ޖެހޭ މައުލޫމާތު އެއްކުރުމަށް، މިނިސްޓްރީ އޮފް ހެލްތަށް އެކަށީގެންވާ ވަގުތު ދިނުމަށް ކަމަށެވެ. ނަމަވެސް، ކޮމިޓީގެ ބައްދަލުވުމަށް އެވަގުތު ހާޒިރުވެ ތިއްބެވި އަނެއް ތިން މެމްބަރުން ވަނީ މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެކަމަށް ވިދާޅުވެފައެވެ. މެމްބަރުން އެފަދައިން ހިޔާލު ފާޅުކުރެއްވުމުން، މެމްބަރު ޝާހިދު ވަނީ އެބޭފުޅާގެ ހުށައެޅުން އަނބުރާ ގެންދަވާފައެވެ.

ކޮމިޓީން ފާސްކޮށްފައިވަނީ، ތިން ދުވަހުގެ ތެރޭގައި ކުރިން ފޮނުވި ސިޓީއަށް ޖަވާބުދާރީވުމަށް މިނިސްޓްރީ އޮފް ހެލްތަށް ސިޓީއެއް ފޮނުވުމަށެވެ. އަދި ބޭނުންވާ މައުލޫމާތާ އެކު އެ ސިޓީއަށް ތިން ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތުން ޖަވާބެއް ނުލިބިއްޖެ ނަމަ، ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި ދެން ކަންކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމުމަށެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ހަތް ރެކްރޫޓްމަންޓް އެޖެންސީއަކުން ބިދޭސީ ޑޮކްޓަރުންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ސިޓީ ފޮނުވާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 20ވަނަ ދުވަހުގައެވެ. ބައެއް ފަރާތްތަކުން ވަނީ މިކަމުގައި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ހެލްތް މިނިސްޓްރީން ކަންކަން ކުރަމުން ގެންދާކަމަށް ތުހުމަތުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް