Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 12:12
ސިވިލް ކޯޓު
ސިވިލް ކޯޓު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ސިވިލް ކޯޓާ ގުޅިގެން ޖޭއެސްސީއަށް ހުށައެޅުނު ޝަކުވާތައް މަޖިލީހަށް
ސަރުކާރުން މި ދައުރުގައި ހުށައަޅާނެ ބިލުތަކުގެ ތެރޭގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ބިލު ހިމެނޭ
މަޖިލީހުން ވަނީ ޖޭއެސްސީއިން ފޮނުވި ސިޓީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައި

ސިވިލް ކޯޓުން ހުކުމް ތަންފީޒުކޮށް އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށައަޅާފައިވާ ޝަކުވާތަށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުން ފޮނުވައިފިއެވެ.

ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފު މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ ކޮމިޝަނަށް ސިވިލް ކޯޓާއި ގުޅިގެން ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ނިހާއީ ވެފައިވާ ހުކުމްތައް ތަންފީޒު ކުރުމަށް ހުރަސް އެޅޭ ގޮތަށް އެ ހުކުމްތަކުގެ މައުޟޫއާ ގުޅުހުން ހުރި މައްސަލަތައް ކޯޓުން ބަލައިގަތުމާއި, ކޯޓުގެ އިޖުރާއީ އިންތިޒާމްތައް ތަރުތީބު ކޮށްފައިވާ ގޮތުން ދަރަނީގެ ހުކުމްތަކާއި އެނޫންވެސް ހުކުމްތައް ތަންފީޒު ކުރުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެ ދިގުދެމިގެން ދިއުމުގެ މައްސަލަތައް ހުށައަޅާފައިވާ ކަމަށެވެ.

ހުކުމް ތަންފީޒު ކުރުމަށް ފިޔަވަޅުތައް އެޅުމުގައި ހުކުމް ތަންފީޒު ކުރާ އެކި ޑިވިޝަންގެ އެކި ފަނޑިޔާރުން އެކި ގޮތަށް އަމަލު ކުރުމާގުޅޭ ބޮޑެތި ޝަކުވާތައް ވެސް އެކޮމިޝަނަށް ހުށައެޅިފައިވާ ކަމަށް ޖޭއެސްސީއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

Advertisement

އެގޮތަށް އެކަންތައްތައް ދިމާވެފައިވާ އެންމެ ބޮޑު އެއް ސަބަބަކަށް އެ ކޮމިޝަނަށް ފާހަގަ ވެފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނާ ގުޅޭ ޝާމިލް ގާނޫނެއް މިހާތަނަށް ވެސް އުފެދިފައި ނެތުން ކަމަށް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ. އެފަދަ އެކަށީގެންވާ ނިޒާމެއްގެ ދަށުން މިހިނދުން މިހިނދަށް ފިޔަވަޅުތައް އެޅުވުމަކީ އަވަސް ކުރުމާއި އަދާލަތާއިމެދު އިތުބާރު އުފެއްދުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމަށް ގަބޫލު ކުރެވޭތީ އެވާހަކަ މަޖިލީހަށް ހުށައަޅާކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

ޖޭއެސްސީއިން މަޖިލީހަށް ފޮނުވި ސިޓީ ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. މަދަނީ އިޖުރާއަތުގެ ގާނޫނާ ގުޅޭ ޝާމިލް ގާނޫނެއް މިހާތަނަށް ވެސް އުފެދިފައި ނެތް ކަމަށް ޖޭއެސްސީއިން ބުނެފައިވާއިރު މި ދައުރުގައި މަޖިލީހަށް ހުށައަޅާ ބިލުތަކުގެ ގޮތުގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ބިލު ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް