ލ. މާބައިދޫ ކައުންސިލަރެއް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ދިރާސާ ކުރަން ފަށައިފިއެވެ.
އަންގާރަ ދުވަހު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 30 ވަނަ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ވިދާޅުވީ މާބައިދޫ ކައުންސިލަރެއްކަމަށްވާ އަބްދުﷲ ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތާއި އޭނާގެ މައިދައިތައަށް ގަދަ ކަމުން ޖިންސީ އަމަލު ހިންގަން އުޅުނުކަމަށް ބުނި މައްސަލައެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލަ ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށް މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވިއެވެ.
ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ފިނިހިޔާގެ ލ. މާބައިދޫ އެރަށުގެ އެތަށް އާއިލާއެއްގެ ކުޑަ ކުދިންނަށް ޖިންސީ ގޯނާއާއި ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށާއި އެފަދަ އަމަލުތަށް ހިންގަމުންދާކަމަށްބުނެ އމި އޮތޯރިޓީއަށް ވަނީ ޝަކުވާ ހުށައަޅާފައެވެ. އަބްދުﷲ ރަޝީދު އޭނާގެ މައިދައިތައަކު ވެސް ގަދަކަމުން ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށް މި އޮތޯރިޓީއަށް ހުށައެޅުނު ޝަކުވާގައި ބަޔާން ކޮށްފައި ވެއެވެ. ވީމާ މިތުހުމަތަކީ ޖިނާއީ ތުހުމަތަކަށް ވާތީ އެ ތުހުމަތު ތިޔަ އިދާރާއިން ތަހުގީގުކުރުމަށްފަހު މައްސަލައިގެ ތަހުގީގު ރިޕޯޓު މި އޮތޯރިޓީއާ ހިއްސާ ކޮށްދެއްވުން އެދި ދެންނެވީމެވެ.ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު
ކޮމިޓީއިން ނިންމާފައިވަނީ އެމައްސަލަ ދިރާސާ ކުރުމުގެ ކުރިން މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޖެންޑަރ މިނިސްޓްރީއިން ސާފު ކުރުމަށާއި ތިން ދުވަހުގެ ތެރޭގައި ޖަވާބު ފޮނުވައިދިނުމަށް އެދި ސިޓީ ފޮނުވުމަށް ނިންމުމަށެވެ. އަދި އެފަދަ ތުހުމަތު ކުރެވޭ ފަރާތެއް މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ބަރީއަ ކޮށްފައިވޭތޯ ބެލުމަށް އެލްޖީއޭއިން ސާފު ކުރުމަށް ވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.
މާބައިދޫ ކައުންސިލަރ ޖިންސީ ގޯނާ ކުރާކަމުގެ މައްސަލަ ބޮޑުވެ އޭނާއާއި މެދު ފިޔަވަޅު އަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އާންމުން ވެސް ވަނީ ކޮށްފައެވެ.