ގދ. ހޯނޑެއްދުއާއި ގދ. މަޑަވެލި ގުޅާލުމަށް ހަދާފައިވާ ކޯޒްވޭގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މައްސަލައިގައި އިހުމާލުވި މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.
މިދިޔަ ޖުލައި މަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅޭގޮތުން މެންބަރު ފާޅުކުރެއްވި ޚިޔާލުތަކަށް ރިޢާޔަތްކޮށް ކޮމިޓީގެ މުޤައްރިރު ނިންމަވާފައިވަނީ މި މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށެވެ. ކޮމިޓީގައި މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ނިންމަވާ އަދި މި މައްސަލަ ދިރާސާ ކުރުމަށްޓަކައި ކުޑަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.
ކުޑަ ކޮމީޓީން ދިރާސާ ކުރުމަށްފަހު ހޯމަ ދުވަހު ބޭއްވި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އޭރު ޒިންމާ އުފުލަން ޖެހޭނެކަމަށް ޤަބޫލު ކުރެވޭ ފަރާތްތައް ހާޒިރުކޮށް އެބޭފުޅުން ޒިންމާ އަދާކުރުމުގައި އަމަލު ކުރައްވާފައިވާ ގޮތާއި ބެހޭގޮތުން ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ.
އެގޮތުން އޭރުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއާއި، ހައުސިން މިނިސްޓްރީއާއި، އެމްޓީސީސީ ގެ ވެރިންނާއި، ޕްރޮޖެކްޓް މެނޭޖަރު އަދި ޕްރޮޖެކްޓްގެ އީއައިއޭ ކޮންސަލްޓެންޓް ކޮމިޓީއަށް ހާޒިރު ކުރުމަށް ކޮމިޓީއަށް ހާޒިރު ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
ކޯޒްވޭއާއި ގުޅޭ ގުޅޭގޮތުން ޖުލައި މަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވީ މަޑަވެލި ހޯނޑެއްދޫ ކޯޒްވޭއަކީ 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ ހަދަން ޕްލޭން ކުރި ކޯޒްވޭކަމަށެވެ.
ކޯޒްވޭ ހެދުމަށް އީއައިއޭ ހެދީ 2012 ވަނަ އަހަރު ނަމަވެސް އެމްޑީޕީ ސަރުކާރު ވެއްޓުމާގުޅިގެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ކޯޒްވޭގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު ކަމަށް ފިރުޝާން ވިދާޅުވިއެވެ. 2016 ވަނަ އަހަރު ދެފަހަރެއްގެ މަތިން އީއައިއޭ ހަދަން އިއުލާން ކޮށްފައިވާކަމަށާއި ނަމަވެސް އީއައިއޭ ހެދިކަމެއް އިނގެން ނެތް ކަމަށެވެ. އަދި މި ދެ އިޢުލާނަކީ އޭރުގެ ހައުސިންގ މިނިސްޓްރީގެ ދެ ޑިޕާޓްމަންޓަކުން ކޮށްފައިވާ ދެ އިއުލާންކަން ފިރުޝާން ފާހަގަކުރެއްވިއެވެ.
ފިރުޝާން ވިދާޅުވީ 2012 ވަނަ އަހަރު ހެދި އީއައޭ ރިޕޯޓް އީޕީއޭގެ ވެބްސައިޓްގައި އޭރު ނެތްކަމަށާއި މި ރިޕޯޓް އީޕީއޭގެ ވެބްސައިޓްގައި ޝާޢިއު ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހު 26 ވަނަ ދުވަހު ކަމަށެވެ. 440 މީޓަރު ދިގުމިނިގެ މި ކޯޒްވޭއަކީ 29 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ޚަރަދު ކޮށްގެން ހަދާފައިވާ ކޯޒްވޭއެކެވެ.
ކޯޒްވޭގެ ސަބަބުން މޫސުން ގޯސްވެ ކަނޑު ގަދަވާ ކޮންމެ ފަހަރު ރަށަށް ރާޅު އަރާ ފެންބޮޑުވެ، ދަނޑު ބިންތައް ހަލާކުވެ އެ ރަށްރަށުގެ ރައްޔިތުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ރައްޔިތުން ނިކުމެ ހައިމާކެއް ބޭނުންކޮށްގެން ކޯޒްވޭ ވަނީ ކަނޑާލަފައެވެ. މި މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމްޓް ޗޭންޖް ކޮމިޓީން ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވަނީ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ވަރަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން ދާތީއެވެ.