އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ސާމާނާއެކު ބޭރުގެ ބޯޓެއް ހިފައްޓައިފިއެވެ.
އިންޑިއާ ކޯސްޓުގާޑުން މިމަހުގެ އެއްވަނަ ދުވަހު އެމްއެންޑީއެފާ ޙިއްސާކުރި މަޢުލޫމާތުގެ އެހީގައި ކޯސްޓްގާޑުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި، ބޯޓު ހިފަހައްޓާފައިވަނީ މިމަހުގެ ފަސްވަނަދުވަހުއެވެ. ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ޞަރަޙައްދުގައި ޙަރަކާތްތެރިވަނިކޮށެވެ.
މިއޮޕަރޭޝަނުގައި ބޭރު އުޅަނދުގެ އިތުރުން ރާއްޖޭގެ މަސްވެރި އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ ދޯންޏެއްވެސް އެ ޞަރަޙައްދުން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި އުޅަނދު މާލެ ގެނައުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުން ހިފެހެއްޓި ބޭރުގެ އުޅަނދަކީ ކޮން ޤައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް ފެނިފައިނުވާކަމަށެވެ. މި އުޅަނދުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވާއިރު، މައްސަލަ ތަޙުޤީގުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ފަށާފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނައި ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ. މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ. އަދި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ.