ވޭތުވެދިޔަ އެއް މަސް ތެރޭގައި 73 މައްސަލައެއް ހުށަހެޅުނު ކަމަށާއި ފަނޑިޔާރުންނާ ގުޅޭގޮތުން ހުށައެޅުނު މައްސަލަތަކުން އަށް މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް މިދިޔަ މަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖުޑީޝަލް ސަރވިސްގެ ގާނޫނަށް ގެނައި އިސްލާހުގެ މިދިޔަ ސެޕްޓެމްބަރު 3 ގައި އަމަލު ކުރަން ފެށުމާއެކު އެ ގާނޫނުގެ ދަށުން ތިން މެމްބަރުންގެ މައްޗަށް އެކުލަވާލެވުނު "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން" ވަނީ ފުރަތަމަ މަސް ދުވަހު އެ ކޮމިޓީއިން ކުރި ތަފާސް ހިސާބުތައް އާންމު ކޮށްފައެވެ.
އެގޮތުން ވޭތުވެދިޔަ އެއް މަސް ތެރޭގައި 73 މައްސަލައެއް ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން 66 މައްސަލައަކާ މެދު އެ ކޮމެޓީން މިހާރު ގޮތް ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ. އޭގެ ތެރެއިިން އަށް މައްސަލައެއްގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ނިންމާފައިވާއިރު 58 މައްސަލާގައި ސުލޫކީ މައްސަލައެއް ބަލަންޖެހޭ ފަދަ ކަމެއް ނެތް ކަމަށް އެ ކޮމެޓީން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ބަލަން ނިންމި އަށް މައްސަލައިގައި ތަހުގީގު ކޮމެޓީ އެކުލަވާލައި، ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމި މައްސަލަތަކުގައި ކޮމެޓީގެ އެ ނިންމުންތައް ކޮމިޝަނުން މުރާޖާ ކުރަމުންދާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
މީގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގާ ބެލެހެއްޓުމަށް އުފައްދާފައިވާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. ކޯޓުތަކުގެ އިދާރީ ހިންގުމުގެ ތެރޭގައި ހިމެނޭ މިފަދަ ކަންތައްތަކުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވޭތޯއާއި އެއްވެސް ނާޖާއިޒު ނުފޫޒެއް ފޯރުވާފައިވޭތޯ ބަލައި އެކަންކަން ދިރާސާ ކުރުމަށްފަހު ޖޭއެސްސީއަށް ހުށައެޅުމަށް އެ ކޮމިޝަނުގެ ބައްދަލުވުމެއްގައ ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ މަސައްކަތް ޑީޖޭއޭއާ ހަވާލުކުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުންޏެވެ.