ރާއްޖޭގެ ބިންގަނޑު މަރުވެފައިވާ ކަމަށާއި ކެމިކަލް ބޭނުން ނުކޮށް ދިވެހިރާއްޖޭގައި ދެން ދަނޑުވެރިކަން ނުކުރެވޭނެ ކަމަށް ދަނޑުވެރިން ބުނެފިއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާއި ބެހޭ ބިލާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީން ބައްދަލުކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ދަނަޑުވެރިން ވަނީ ރާއްޖޭގައި ދަނަޑުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ކޮމިޓީ އާއި ހިއްސާކޮށްފައެވެ.
އެގޮތުން ގަސް ހެއްދުމަށް ބޭނުންކުރާ ކެމިކަލް ތަކުން ލިބޭ ގެއްލުން ގިނަ ދަނޑުވެރިންނަށް ނޭނގޭ ކަމަށާއި ދަނޑުވެރިކަމަށް ބޭނުން ކުރާ ކެމިކަލް ބޭނުން ކުރަންޖެހޭ މިންވަރު ގިނަ ފަރާތްތަކަށް ނޭނގޭ ކަން ދަނޑުވެރިން ފާހަގަ ކުރިއެވެ.
މާގިނައިން ކެމިކަލް ބޭނުން ކުރެވުމުގެ ސަބަބުން އިންސާނާގެ ސިއްޙަތަށް ބޮޑެތި ގެއްލުން ތަކެއް ލިބި ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެގެން ދާނެ ކަން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ގަސްތަކައް ޖެހޭ ބަލިތައް ދެނެގަތުމަށާއި ދަނޑުވެރި ކަމުގައި ބޭނުން ކުރާ ބޭސް ބޭނުން ކުރުމަށް ދަނޑުވެރިންނަށް ތަމްރީން ދިނުން މުހިއްމުކަން ދަނޑުވެރިން ފާހަގަ ކުރި އެވެ.
ދަނޑުވެރިން ފާހަގަކުރި އެންމެ މުހިއްމު ކަމަކީ އޯގޭނިކް ފާރމިން އަށް ދިއުމެވެ. ނަމަވެސް އޯގޭނިކް ފާމިންއަށް ދާން ބަލާއިރު މަސައްކަތް ކުރާ މީހުންނަށް ކަމާބެހޭ ތަމްރީން ލިބުން މުހިއްމު ކަން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން އޯގަނިކް ފާރމިންގައި ބޭނުން ކުރާ ބޭހާއި އެނޫން ތަކެތި ދިވެހިންގެ ތެރެއަށް ތަޢާރަފު ވާން ޖެހޭ ކަމަށެވެ.
ރަށްފުށުގައި ބޭނުން ކުރާ ކުނި ބޭނުންކޮށްގެން ކޮމްޕޯސް ތައްޔާރު ކުރެވިދާނެ ކަން ދަނޑުވެރިން ވަނީ ފާހަގަ ކޮށްފައެވެ.
ދަނޑުވެރިކަންކުރާ ގިނަރަށްތަކުގައި ގަސްތަކަށް ފެން ޖަހާލެވެނެ ނަރުދަމާ އެއްވެސް ނެތް ކަން ވަނީ ފާހަގަ ކޮށްފައެވެ. މީގެިއތުރުންވެސް ރާއްޖޭގައި ފަތުރުވެރިކަމާއި މަސްވެރިކަމަށް ސަރުކާރުތަކުންދޭ ސަމާލުކަން ދަނޑުވެރިކަމަށް ނުދޭކަން ދަނޑުވެރިން ވަނީ ފާހަގަ ކޮށްފައެވެ.
ހަމައެކަނި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލެއް ފާސްކުރުމަށްވުރެ މަސްވެރިކަމުގެ ބިލާއި އެއްގޮތަށް ދަނޑުވެރިމުގައި ހިމެނޭ ހުރިހާ ދާއިރާއެއް އެއްކޮށް ބިލެއް ފާސްކުރުމަށް ފެންނަ ކަމަށް ދަނޑުވެރިން ވަނީ ބުނެފައެވެ.