ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަދި ސޯނަމް ގެ ކޮއްކޮ ޕްރޮޑިއުސަރ ރިއާ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލާނީ ރާއްޖެ އަތުވެއްޖެއެވެ.
ހޮނިހިރު ދުވަހު މި ތަރިން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާ ފުށީގައެވެ.
ސޯނަމް އިންސްޓަގްރާމްގައި ސީޕްލޭންގެ އެތެރޭގައި ނަގާފައިވާ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ. އަދި ސީޕްލޭންގެ އެތެރޭގައި އިންދެ ރިސޯޓްގެ މޫދު ފެންނަ ފޮޓޯއެއްވެސް ވަނީ ހިއްސާކޮށްފައެވެ. އާނަންދް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ވަނީ ސަންސެޓް ފޮޓޯއެއް ލާފައެވެ. މީގެ އިތުރުން ވެސް މިތަރިން ވަނީ ރިސޯޓްގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.
ސޯނަމް އާއި އާނަންދް ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު އެވެ. ރިއާ އާއި ކަރަން ޑޭޓް ކުރަމުންދާތާ 10 އަހަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިލްމް ފެއަރ އަށް ދިން އިންޓަވިއު އެއްގައި ސޯނަމް ބުނެފައިވަނީ އޭނާ އާއި އާނަންދް ދިމާވީ އޭނާގެ ރައްޓެހިން އާނަންދްގެ ބެސްޓް ފްރެންޑާއި ސޯނަމް އާއި ރައްޓެހިކުރުވަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އާނަންދު އާއި ދިމާވި ދުވަސްކޮޅު ސޯނަމް އުޅުނީ އޭނާގެ ފިލްމް "ޕްރޭމް ރަތަން ދާން ޕާޔޯ" ގެ ޕްރޮމޯޝަންގެ މަސައްކަތުގައި އަވަދިނެތި ކަމަށެވެ.
ރިއާ އާއި ކަރަންގެ ކައިވެންޏާއި ގުޅޭ ގޮތުން ޒޫމް އަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނެފައިވަނީ އެދެމީހުން ކައިވެނި ކުރާ ދުވަހެއް ފައިނަލް ވުމުން އެ އުފާވެރި ޚަބަރު ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި އެދެމީހުން ކައިވެނި ނުކުރާނެ ކަމަށް ސޯނަމް ވަނީ ބުނެފައެވެ.