Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 00:26
ފުލުހުންގެ އިދާރާ
ފުލުހުންގެ އިދާރާ
މޯލްޑިވްސް ޕޮލިސް ސަރވިސް
އެމްޑީއެންގެ ރިޕޯޓް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން: ފުލުހުން
ތަހުގީގު ހިނގަމުންދާކަން ދައުލަތުގެ ކަމާއި ބެހޭ އެހެން އިދާރާތަކަށް ވަނީ ހިއްސާކުރެވިފައި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކަށް ފާޑުކިޔާފައިވާ ކަމަށް ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގައި ޤާނޫނީ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑުކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށް ފާޑު ކިއުމާއި ކީރިތޔި ރަސޫލާއަށް ފުރައްސާރަ ކުރުންފަދަ އިސްލާމް ދީނާއި އިދިކޮޅު އަމަލު ތަކަކީ އެ ސަރވިސް އިން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.

މިފަދަ އެހެން މައްސަލަތަކެކޭ އެއްފަދައިން، މި މައްސަލައާއި ގުޅިގެންވެސް ފުރިހަމަ ތަހުގީގެއް ހިންގައި ޤާނޫނީ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށް ބަޔާނުގައި ވެއެވެ.

އަދި މި މައްސަލަ ތަހުގީގުކުރަން ފެށުމަށްފަހު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އާއި މެދު މިފަދަ ޝަކުވާތަކެއް އެ ސަރވިސް އަށްހުށަހެޅި ތަހުގީގު ހިނގަމުންދާކަން ދައުލަތުގެ ކަމާއި ބެހޭ އެހެން އިދާރާތަކަށް ވެސް ވާނީ ހިއްސާކުރެވިފައި ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމް ދީނާއި އިދިކޮޅު އަމަލިތަކާއި ގުޅޭ މައްސަލަ ތަކަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ގުޅިފައިވާ އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމާއި ގުޅުން ހުރި މައްސަލައެއް ކަމަށްވާތީ، އެފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައި ވެސް ޤާނޫނީ ގޮތުން އެފަރާތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ކަމާއި ބެހޭ ފަރާތްތަކުގެ މައްސޫލިއްޔަތަކަށް ވީހިނދު އެފަދަ އަމަލަކާއި ގުޅިގެންވެސް މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

ޚާއްސަކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައި ވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދިވެހި ރައްޔިތުންގެ ދީނީ އަދި ގައުމީ ވަހުދަތާއި އެއްބައިވަންތަ ކަމާއި، ނިޒާމް އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ވަނީ އެދިފައެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި މި ސަރވިސް އިން އެއްވެސް ފަސްޖެހުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށް ބަޔާނުގައި ވެއެވެ.

ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައިވަނީމިހިނގާ އޮކްޓޯބަރު މަހުގެ 3 ގައި އާންމު ފަރާތަކުންމެވެ.

އެ ސާރވިސްގެ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެ ރިޕޯޓާއި ގުޅޭގޮތުން އެ ސާރވިސް އިން ތަހުގީގެއް ހިންގުމަށް ނިންމައި ކަމާއި ގުޅޭ މައުލޫމާތު ސާފުކުރަމުން ދަނިކޮށް މިމަހުގެ ތިން ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް ގެ ފަރާތުން، ރިޕޯޓްގައި އިސްލާމް ދީނާއިކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ވާހަކަ ހުރިކަމަށް ފާހަގަ ކުރައްވައި އެ ސާރވިސް އަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް