އައްޑޫ ސިޓީ ހުޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަގުމަތީ ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުދޫގެ މަގުމަތީގައި ބޮޑެތި ޒަޚަމްތަކަކާއެކު މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ހޮނިހިރު ދުވަހުގެރޭ 19:00 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާގެ ގައިގެ އެކި ތަންތަނުގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތަކެއް ފެންނަން ހުރިކަމަށާއި، އޭނާގެ ބޮލުގައި އެއްޗަކުން ޖަހައި ފަޅާލާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.
އަނިޔާ ލިބުނު މީހާ އަށް އައްޑޫ ސިޓީ ހުޅުދޫގެ ހެލްތް ސެންޓަރުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މާރާމާރީތަކާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާ އެ ރަށުގައި ދާދި ފަހުން ވަނީ އުމުރުން ދުވަސްވީ އަންހެނަކަށް ބިރުދައްކާ ފައިސާތަކެއް ވެސް ފޭރިގަނެފައެވެ.