''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓާއި މެދު އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އެމްޑީއެން އިން 2016 ވަނަ އަހަރު ނެރެފައިވާ ރިޕޯޓްގައި ދިނާ ހިލާފަށް ވާހަކަތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރައްމުންނެވެ. އެކަމާއި ގުޅިގެން އެ ޖަމިއްޔާއިން ވަނީ މާފަށް އެދި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ.
ހުކުރު ދުވަހުގެރޭ އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ރައްބުވަން ތަކަމާމެދު ޝައްކު އުފައްދާ، އެ އިލާހުގެ ވަހީބަސްފުޅު ކީރިތި ގުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދާ، އަދި ކީރިތި ރަސޫލާ މުހައްމަދު ﷺ ގެ މަތިވެރި ޝަޚްސިއްޔަތުގެ ގަދަރާއި ކަރާމާތަށް އިހާނެތިކޮށް، އެ ރިޕޯޓުގައި ހިމަނާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެ އަމަލަކީ ދިވެހިރާއްޖޭގެ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއްކަން ފާހަގަކޮށް އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ ޕާޓީން ދެކޭ ކަމަށް އަދާލަތުން ބުންޏެވެ.
އަދާލަތުގެ ބަޔާނުގައި އިތުރަށް ބުނީ، އެ ރިޕޯޓަކީ 2016 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަނިޔާވެރި އަމަލުތަކަށް މަގުފަހިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލިދާނެ އެހެންވެސް ކަންކަމާއި ބަސްމަގު ޚިޔާރުނުކޮށް، ސުލްހަވެރި ގޮތުގައި ގާނޫނީ ހަމަތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.