ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 09:19
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށްވުރެ ގިނައީ ބިދޭސީން
ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދަކީ 17،138
ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތްކުރާ ބިދޭސީން އަދަދަކީ 18،947
ދިވެހި މުވައްޒަފުންގެ ނިސްބަތް 45 ޕަސެންޓަށް ވުރެ ދަށް 58 ރިސޯޓު ރާއްޖޭގައި އެބައޮތް

ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތްކުރާ ދިވެހިންނަށްވުރެ ގިނައީ ބިދޭސީންކަމަށާއި، ދިވެހި މުވައްޒަފުންގެ ނިސްބަތް 45 ޕަސެންޓަށް ވުރެ ދަށް 58 ރިސޯޓު ރާއްޖޭގައި އެބައޮތްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓްގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނާއި މުވައްޒަފުންގެ ސާރވިސް ޗާރޖުގެ އިތުރުން ސަލާމަތީ ކަންކަމާއި ގުޅޭ އިންސްޕެކްޝަންގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެ އިންސްޕެކްޝަންގައި 1000 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ މަސައްކަތް ކުރާ ފެސިލިޓީއެއް ބަލާފައިވާކަމަށެވެ. އަދި މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖުމްލަ މުވައްޒިފުންގެ އަދަދެއް ނެތްއިރު، އެ ތަންތަނުގައި 36،301 މީހުން ވަޒީފާ އަދާކުރާކަން އެނގިވަޑައިގެންފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޭގެތެރޭގައި ގިނައީ ބިދޭސީންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތްކުރާ 36،301 މީހުންގެ ތެރެއިން 18،947 މީހުންނަކީ ބިދޭސީން ކަމަށާއި، ދިވެހިންގެ އަދަދަކީ 17،138 ކަމަށެވެ. އަދި ދިވެހި މުވައްޒަފުންގެ ނިސްބަތް 45 ޕަސެންޓަށް ވުރެ ދަށް 58 ރިސޯޓު ރާއްޖޭގައި އެބައޮތްކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި އާންމުގޮތެއްގައި ސާރވިސްޗާޖްގެ ގޮތުގައި މުވައްޒިފުންނަށް ދެވިފައިވަނީ 200 ޑޮލަރާއި 500 ޑޮލަރުގެ އަދަދެކެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރާއި ހަވާލުވީއިރު ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓުފަންޑުގައިހުރީ އެންމެ 1.6 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަދަދު 17 މިލިއަނަށް ބަދަލުކުރެވިފައިވާކަމަށާއި، 17 މިލިއަން ރުފިޔާ ޓްރަސްޓުފަންޑުގައި މިވަގުތު ހުރީ ކަމާބެހޭ ފަރާތްތަކުގެ މަސައްކަތުން ކަމަށް މިނިސްޓަ ވިދާޅުވި އެވެ.

އަޅުގަނޑު މިރޭ ދަންނަވާކަން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ބަންޑާރަ ނައިބުގެ އޮފީހަށް، އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އަޅުގަނޑުމެން ގުޅުންހުރި މިނިސްޓްރީތައް ކުރި މަސައްކަތުން އަޅުގަނޑުމެން މި، އަނދިރިވަޅުގަނޑެއްހެން އޮތް މުޒާރާ ބަދަލުކޮށް، މިރޭ މި ވަގުތާއި ހަމަޔަށް 1.6 މިލިއަން ރުފިޔާގަ އޮތް ޓްރަސްޓު ފަންޑުގައި އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ޕިކްނިކް އައިލެންޑްގައި، ގަނޑުވަރުތައް އެޅި އެދިޔަ ލާރިތައް އެދިޔަގޮތަށްގޮސް އޮތް އޮތުން ބަދަލުވެ މިރޭ އެކަނި ވެސް ހަމައެކަނި ސީއެސްއާރުގެ ގޮތުގައި 17 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ގިނަ ލާރި ދިވެހި ރާއްޖޭގެ ޓުއަރިޒްމް މިނިސްޓްރީގެ ޓްރަސްޓުފަންޑުގައި ހުންނާނޭ."
ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފާހަގަކޮށްފައިވާއިރު އެ ދުވަހާއި ގުޅިގެން ވަނީ ވ އަތޮޅުގައި ކެނޯރޭހެއްގެ އިތުރުން ވ ކެޔޮދޫގައި ކަލްޗަރަލް ނައިޓެއްވެސް ބާއްވާފައެވެެ.

މީގެ އިތުރުން ބަރޮސްފަޅުތެރޭގައި 521 މީހުންނާއި އެކު ފްރީޑައިވް ވޮލްޑްރެކޯޑްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި ރ އަނގޮޅިތީމުގައި ދިވެހި ރާއްޖެ ޑިމޮކްރަސިއަށް ކުރި ދަތުރު ދައްކުވައިދޭ ޓުއަރިސްޓު ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅާފައިވާއިރު ސްކޫލްކުދިންނަށް ބޭނުން ސުވާލެއް ކުރުމަށް އޯޕަންޑޭ އެއްވަނީ ބާއްވާފައެވެ.

މި ހަރަކާތްތަކަށް އަލިއަޅުވާލައްވަމުން އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރެވިގެންދިޔައީ އީދެއް ގޮތަށް ކަމަށާއި މި ހަރަކާތްތަކުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެންދިޔަ ކަމަށެވެ.

- ކޮމެންޓް