2021 ގެ ކުރިން ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމުމަށް ކުރިއަށް އޮތް ފަސް އަހަރު ނިމުމުގެ ކުރިން މި ސަރުކާރުން ކޮށް ނިންމާނެ ގޮތުގެ "ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގައި ހިމަނައިފިއެވެ.
ބުދަ ދުވަހުގެރޭ ހާމަ ކުރި އެ ޕްލޭންގައި ބުނެފައިވާ ގޮތުން މި ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ވައުދު ކަމަށްވާ ޝަރުއީ ދާއިރާ އިސްލާޙު ކުރުމުގެ ތެރެއިން 2021 ގެ ނިޔަލަށް ފަނޑިޔާރުންގެ ފެންވަރު ބަލާ ނިންމުމާއި ގާނޫނު ކިޔަވައިދޭ ހުރިހާ ތަނެއްގައި އައު ކަރިކިއުލަމަށް އަމަލު ކުރަން ފެށުމާއި ޖުވެނައިލް ޑިޓެންޝަނެއް އަދި ރީހެބިލިޓޭޝަން ފެސިލިޓީއެއްގެ ޚިދުމަތް ދޭން ފެށުމަށް ވަނީ ޕްލޭން ކޮށްފައެވެ.
މި ދައުރު ނިމުމުގެ ކުރިން މިހާރު ޖަލުތަކުގައި ތިބި ގައިދީންގެ އަދަދު ދައުރު ފެށުމުގެ ކުރިން ހުރި ވަރާ އަޅާ ބަލާއިރު 20 ޕަސެންޓަށް މަދު ކުރުމާއި ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާން މަދުވެގެން އެއް ފަހަރު އާންމު ކުރުމަށް ވަނީ ހުށައަޅާފައެވެ.
އިންތިގާލީ އަދާލަތުގެ ނިޒާމަށް ހުށައެޅޭ މައްސަލަތަކާއި ރީހެބިލިޓޭޝަން ޕްރޮގްރާމަށް ހުށައެޅޭ ގައިދީންގެ އަދަދާއި ކުޑަ ކުދިންގެ އަދަދު 2018 އާއި އަޅާ ބަލާއިރު 50 ޕަސެންޓަށް މަދުކޮށް އަލުން މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އެމްޑީޕީގެ ބޮޑު ވައުދެކެވެ. އެ ވައުދުތައް ފުއްދުމަށްޓަކައި ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ.
އަދުލު އިންސާފުގެ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމަ އަދި ހަރުދަނާ ޤާނޫނީ އޮނި ގަނޑެއް ނެތުން ކަމާއި ، މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނީ އޮނި ގަނޑުގައި ފުށުއެރުންތަކަކައި ފޫނުބެދޭ ކަންތައްތަކެއް ހުރިކަމަށް ބުނެ އިންތިގާލީ އަދާލަތުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް މަޖިލީހަށް ހުށައަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.
ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް މާލީ ބަޔާން ހުށައެޅުމަށް މަޖުބޫރު ކުރުމާއި ބަޔާން ހުށަ ނޭޅުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ތަހުގީގު ކުރެވި ފިޔަވަޅު އެޅޭނެ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަން ވަނީ ހިމަނާފައެވެ. އަދި ފަނޑިޔާރުންގެ މުސާރަ އަދި އެލަވެންސް ރިވިއު ކުރެވޭނީ ޕާފޯމެންސާއި ގުޅިގެން ކަމަށް ކަނޑައެޅުމަށް ވެސް އިސްލާހުގައި ވެއެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ޝަރުއީ ދާއިރާގެ އޮނިގަނޑަށް ވަނީ ބަދަލު ގެނެސްފައެވެ.
އެގޮތުން ކުރިން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެއްގެ ދަށުން ހިންގާ ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖައްސާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ(ޖޭއެސްސީ) ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ކޯޓުގައި ހުރި މައްސަލަތައް ދިގުލައިގެންދާ ކަމުގެ ޝަކުވާއާއި އެކު ދާދި ފަހުން ވަނީ ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކަކީ ކޮބައިކަން ފާހަގަކޮށް އެމައްސަލަތައް ނިންމުމަށް ޖޭއެސްސީއިން ވަނީ ލަފާ ދީފައެވެ.