މަޖީދިއްޔާ ސްކޫލުގެ މުދައްރިސުން ކުރާ މަސައްކަތާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި، އެމީހުން ކުރަނީ އަގުވަޒަން ނުކުރެވޭވަރުގެ މަސައްކަތެއް ކަމަށް އެ ސްކޫލުގެ ޕްރީންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގައި މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ.އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އައިޝަތު ސޯލިހު ވިދާޅުވީ، މުދައްރިސުން ކުރާ މަސައްކަތަކީ އަގުވަޒަަން ނުކުރެވޭ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ މުދައްރިސުންގެ ދުވަސް ފާހަގަ ކުރަނީ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. މި ފަހަރުގެ މުދައްރިސުންގެ ދުވަސް ބަންދު ދުވަހަކަށްވާތީވެ މަޖީދިއްޔާގައި އެ ދުވަސް ފާހަގަކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.
މިއަހަރުގެ މިހާތަަނަށް މުދައްރިސުންގެ ''ޕާފޯމެންސް''އާ ބެހޭ ގޮތުން ޕްރިންސިޕަލް ވިދާޅުވީ، ސްކޫލުން ރާވާފައިވާ ކަންތައްތައް ހާސިލްކުރުމަށް މުދައްރިސުން ގަދައަޅާ މަސައްކަތް ކުރާ ކަމަށާއި، އެ މީހުން ކުރާ މަސައްކަތާއި މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ފެށިގެން ދިޔައީ، މުދައްރިއްސުންނަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ. އެގޮތުން ސްކޫލުގެ ޕްރިންސިޕަލް އާމިނަތު މުހައްމަދު ސޯލިހު ވަނީ ކޮންމެ މުދައްރިސަކަށް މާބޮޑި އަކާއި ޓީޗަރުން ތައްޔާރު ކޮށްފައިވާ ހަދިޔާ އެއް ހަވާލުކޮށްފައެވެ. އަދި ސްކޫލުގެ ހުރިހާ މުދައްރިސުންނަށް ހެނދުނުގެ ނާސްތާ އެއްވެސް ވަނީ ދީފައެވެ. މަޖިދީއްޔާ ސްކޫލް ހޯލުގައި ކުރިޔަށް ގެންދިޔަ ނާސްތާ އަށް ފަހު ''އިންސްޕިރޭޝަން ސެޝަން'' އެއް ވަނީ ބާއްވާފައެވެ.
1927 ވަނަ އަހަރު މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި ހުޅުވި މަޖީދިއްޔާ ސްކޫލުގައި 2010 ވަނަ އަހަރާއި ހަމަޔަށް ކިޔަވައިދެމުން އައީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. އޭގެ ފަހުން މިހާރު އެ ސްކޫލުގައި ފިރިހެން އަދި އަންހެން ކުދިންނަށް ކިޔަވައިދޭއިރު، މި ވަގުތު އެ ސްކޫލުން 2000 ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.
މަޖީދިއްޔާ ސްކޫލަކީ މޮޅެތި ދަރިވަތުންތަކެއް އުފައްދާފައިވާ ސްކޫލެކެވެ. އެ ސްކޫލުން ތައުލީމު ހާސިލްކޮށްފައިވާ ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އިސްމަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ. އެ ސްކޫލުގައި މިހާރު 129 މުދައްރިސުން ކިޔަވައިދެއެވެ.