ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ފަލަސްތީނުގެ ގުދުސް އަށް ވަޑައިގަތުމަށް ދައުވަތުއަރުވައިފިއެވެ.
ފަލަސްތީީނުގެ ރައީސް މަހްމޫދު އައްބާސްގެ ހާއްސަ މަންދޫބު، ޑރ. މަހުމޫދު އަލް ހައްބާޝް ވަނީ ބުދަ ދުވަހު ރައީސް ސޯލިހުގެ އަރިހަށް ޒިޔާރަތް ކުރައްވާފައެެވެ. ޑރ. މަހުމޫދު ވަނީ ފަލަސްތީނުގެ ރައީސްގެ ހާއްސަ ސިޓީފުޅެއް ރައީސް އަށް އަރުވާފައެވެ.
އދ.ގެ އާންމު މަޖިލީހުގައި ރައީސް ދެއްވި ތަގްރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމުގެ ވިސްނުމަށް ތާއިދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ ހާއްސަ މަންދޫބު ވަނީ އެކަމަށް ޝުކުރުވެރިވެފައެވެ. އަދި އަދި ފަސޭހަފުޅު ވަގުތެއްގައި ގުދުސަށް ޒިޔާރަތެއް ކުރެއްވުމަށްވެސް ހާއްސަ މަންދޫބު ވަނީ ރައީސް އަށް ދައުވަތު ދެއްވާފައެވެ.
ޑރ. މަހުމޫދް ވިދާޅުވީ، ފަލަސްތީނު ދައަުލަތެއް ގާއިމު ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއްކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ އެ އަސާސްގެ މައްޗަށްކަމަށެވެ.
ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމާއި ބައިނަލްއަގްވާމީ މައިދާނުގައިވެސް ފަލަސްތީނުގެ ޙައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމުގެ ޔަޤީންކަން މަންދޫބަށް ދެއްވާފައެވެ. އަދި އޭގެ އިތުރުން ޑރ. މަހުމޫދު ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ޒިޔާރަތެއް ކުރައްވާފައެވެ.
ފޮރިންގ މިނިސްޓްރީގައި ބޭއްވިި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާ ފަލަސްތީނާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ފަލަސްތީނުގެ ރައީސްގެ ހާއްސަ މަންދޫބު ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަހުވަންތަ ގުޅުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.