Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 13:11
ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެއާޕޯޓުގައި މުޒާހަރާ ކުރަނީ
ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި އެއާޕޯޓުގައި މުޒާހަރާ ކުރަނީ
ސޯޝަލް މީޑިއާ
ސުޕްރީމް ކޯޓު
އެއާޕޯޓުގައި މުޒާހަރާ ކުރުމުން ކުރި ތިން މަހުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި
މުޒާހަރާ ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް 5 ވަނަ ދުވަހު
އެ ހުކުމް އިސްތިއުނާފަށް ހުށައެޅީ މިދިޔަ ހޯމަ ދުވަހު
އެމައްސަލައިގައި 15 މީހަކަށް ހުކުމް ކޮށްފައިވޭ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މުޒާހަރާ ކުރި މައްސަލައިގައި އެމްޑީޕީގެ 15 އެކްޓިވިސްޓަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމާއި ގުޅިގެން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

2015 ވަނަ އަހަރުގެ މާޗް 5 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދޫކޮލުމަށް އަޑުއުފުލައި، މުޒާހަރާކޮށްފައިވާތީކަމަށް ބުނެ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ކުށްވެރިކޮށް، 3 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް، 3 އަހަރު ދުވަހުގެ މުއްދަތަށް މިޙުކުމް ތަންފީޒު ނުކޮށް ފަސްކުރުމަށް، ކްރިނަލް ކޯޓުން އަމުރު ކުރިއެވެ.

އެ ކޯޓުން އެހުކުމް ކޮށްފައިވަނީ 13 މާޗް 2016 ގައެވެ. އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ކްރިމިނަލް ކޯޓުން ފަސްކޮށްފައިވާތީ، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ އެ މީހުން ޖަލަށް ދާކަށް ނުޖެހެއެވެ. އޭގެ ތެރެއިން ފަސް މީހަކު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ 25 ގައެވެ.

މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުގައި އެމައްސަލަ އިސްތިއުނާފު ކޮށްފައިވަނީ ހުކުމް ކުރި 15 އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ސ.ހުޅުދޫ/ ކަޅުމަގިގޭ މަރްޔަމް ޒުބައިރު (މަންދީ) އެވެ.

Advertisement

މަންދީ އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ މި މައްސަލަ ހައި ކޯޓުން 2017 ގައި، ދައުލަތާ އެއްކޮޅަށް ނިންމުމުން، ސުޕްރީމް ކޯޓަށް، 60 ދުވަހުގެ ތެރޭގައި އޭރު އިސްތިއުނާފު ނުކުރެވުނީ، މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ވަކީލެއް އައްޔަނުކުރުމުގެ މާލީ ތަނަވަސްކަން އޭނާގެ ކިބައިގައި، އޭރު ނެތުމުންކަމަށާއި، މަންދީގެ ފަރާތުން ހައިކޯޓަށް ދިޔަ ވަކީލުގެ އަތުގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ސަނަދު އޭރު ނެތުމުން ކަމަށެވެ. 2017 ގައި ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްގެން ކުރިއެރުމެއް ލިބޭނެ ކަމަށް އޭރު ނުފެނުމުން ކަމަށް ވެސް އެސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އެހެންކަމުން އެ މައްސަލަ އިސްތިއުނާފުކުރެވޭނެ އެހެނިހެން ހުރިހާ ދޮރުތައް މިހާރު ބަންދު ވެފައިވާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޓެރަރިޒަމް މައްސަލައާއި، މިހާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ ޓެރަރިޒަމް މައްސަލަ ވެސް، ސުޕްރީމް ކޯޓުން ބަލައިގަތް ފަދައިން، އެ މައްސަލަ ވެސް ބަލައިގަތުމަށް މަންދީ ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.

އިސްތިއުނާފުކުރާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، ޙުކުމްކުރި އިރުވެސް މި މައްސަލައިގެ ދަޢުވާ ސާފު ނުވާކަމަށާއި، "އެއްވުމުގެ ޤާނޫނާ" ޚިލާފުވެގެން، ދައުލަތުން ދަޢުވާ ކުރީ، 15 މީހުން މުޒާހަރާ ކޮށްފައިވާތީކަމަށެވެ. ނަމަވެސް މުޒާހަރާ ކުރުމަކީ ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި އޮތް ކަމެއް ނޫންކަމަށާއި އެއާޕޯޓުގައި އެއްވުމެއް އެއްވިތަން ވިއަސް ނުވަތަ މުޒާހަރާއެއް ކުރިތަންވިއަސް ކަނޑައެޅިގެން ފެނުނު 2 ހެކިން ދައުލަތަށް ދެއްކިފައިނުވާއިރު، މި މައްސަލަ ގާޒީ ނިންމަވާފައިވަނީ އެދުވަހު އެއަރޕޯޓަށް ވަޑައިގެންފައިވާތީ، ކުށްވެރިވީކަމުގައި ބަލާފައިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް