ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ އެޅުމާއި، ބިން ހިއްކުމާއި ބެހޭ ގިނަ މަޝްރޫއުތައް ހިންގުމަށް ހަތް ކުންފުންޏަކާއި އެކު ޕްލޭނިންގ މިނިސްޓްރީން ސޮއިކޮށްފިއެވެ. ޕްލޭނިންގ މިނިސްޓްރީގައި އިއްޔެ އޮތް މި ރަސްމިއްޔާތުގައި ވަނީ ގާތްގަނޑަކަށް 147 މިލިޔަން ރުފިޔާގެ އެކި މަޝްރޫއުތަކުގައި ސޮއިކޮށްފައެވެ.
ގުރައިދޫ އާއި ވ. ރަކީދޫގެ ބަނދަރު ހަދަން 46 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއިއެވެ. ރ. އަނގޮޅުތީމާއި ހދ. ކުރިނބީގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވޯޓާ އިންޖިނިއަރިން ސާވިސަސް އެފްޒެޑްއީ އަށެވެ. އެ ދެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން މި ދެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 19 މިލިޔަން ރުފިޔާއަށެވެ.
ހަތަރު ރަށެއްގެ ބިން ހިއްކުމާއި ޑިޒައިން ހެދުމާއި އީއައިއޭ ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީ އާއިއެވެ. އެއީ އއ. ބޮޑުފުޅަދު، އއއުކުޅަސް، ތ. ހިރިލަންދޫ އާއި ލ. މާވަށުގައެވެ. މީގެ އިތުރުން ފ. މަގޫދޫ އާއި ފ. ފީއަލި އަދި ދ. މާއެނބޫދޫގައި ބިންހިއްކުމުގެ ޑިޒައިން ހެދުމާއި އީއައިއޭ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޯޓަރ ސޮލިއުޝަންސްއަށެވެ.
ގއ. ދާންދުއާއި ގދ. މަޑެވެއްޔާއި، ސ. މަރަދޫ، އަދި އެ އަތޮޅު މަރަދޫފޭދޫގެ ބިން ހިއްކުމާއި ޑިޒައިން ހެދުމާއި އީއައިއޭ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެނަރޖީ އެންޑް އެންވަޔަރަންމެންޓް ކޮމްޕެނީ (މީކޯ) އަށެވެ. މި ހަތަރު ރަށުގައި މި މަސައްކަތް ކުރިއަށް ގެންދަން 792،880 ( ހަތް މިލިޔަން ނުވަދިހަ ދެހާސް އަށްސަތޭކަ އަށްޑިހަ)ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ސަރުކާރުން ބޮޑެތި ބިޔަ މަޝްރޫއުތަކެއް ކުރިއަށް ނުގެންދާ ކަމަށާއި، ސްޕީޑް ވަރަށް ލަސް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ މި ދަނޑިވަޅުގައި ދައުލަތުން ވަނީ ގާތްގަނޑަކަށް 17 މިލިޔަން ރުފިޔާއަށް ވުރެ ބޮޑުމަޝްރޫތަކެއްގެ މަސައްކަތް ކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅާފައެވެ.