މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 9 އިމާރާތެއް ތަޅާލައިފައިވާކަމަށާއި، 6 ގެޔެއްހުރީ ދިރިނޫޅެވޭ ހާލަތެއްގައިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
1 އޮކްޓޯބަރާއި ހަމަޔަށް އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު އިމާރާތްތަކުގެ ތަފްސީލްތައް ހާމަކޮށް އެންޑީއެމްއޭއިން ވަނީ ދިރިނޫޅެވޭ އިމާރާތްތަކާއި، ބައެއް މަރާމާތްތައް ބޭނުންވާ އިމާރާތްތަކާއި ތަޅާލާފައިވާ އިމާރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ.
އާންމުންގެ ރައްކާތެރިކަމަށް ތަޅާލަން ޖެހުނު އިމާރާތްތައް:
- ހ. ތިލަފުށި (ގުދަން)
- ހ. މާޓިން (ގުދަން)
- ހ. އަހްމީން (ގުދަން)
- ހ. ކަޅުހުރާގެ (ގުދަން)
- ހ. ކަޅުހުރާއާގެ (ގުދަން)
- ހ. އަލްހުރާ (ގުދަން)
- ހ. ކިޔެވް
- ހ. ނެއިބަރ
- ހ. ނިގާރަން
މީހުންނަށް ދިރިނޫޅެވޭވަރަށް ގެއްލުން ލިބުނު ގެތައް:
- ހ. އިވާއު
- ހ. ރަދުވާނިއާގެ
- ހ. އީރާނުގެ
- ހ. ކަޅުހުރާ ގާޑަން
- ހ. ކަޅުހުރާ
- ހ. އަލްފާ
ދިރިއުޅުމަށް ރައްކާތެރި ނަމަވެސް ބައެއް މަރާމާތަށް ބޭނުންވާ ގެތައް:
- ހ. އަދޫ
- ހ. ނިޝާން ޕްލަޒާ
- ހ. ކީލް
- ހ. އިމޯޝަން
- ހ. ގަސްވާ
ވަގުތީގޮތުން މީހުން ބަދަލުކުރެވި، މިހާރު ދިރިއުޅުމަށް ހުއްދަދީފައިވާ ގެތައް:
- ހ. ރަސްމާ
- ހ. ރަސްމާދޫގެ
- ހ. ގަދަގެ
- ހ. ގަދަގޭ ހުޅަނގުބައި
- ހ. ހޮޅިކޮށީގެ
- ހ. ހޮޅިކޮށީއާގެ
- ހ. ފެހިއާބާދު
- ހ. ގަޒްވިން (ކެފޭ)
- ހ. ކިނޮޅަސް
- ހ. ސޯފާ
- ހ. ޖީމާ
އެންޑީއެމްއޭ އިން އެންމެ ފަހުން އެ ހާދިސާއާއި ގުޅިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް ވަގުތީ ހިޔާގައި ތިބި މީހުންގެ ތެެރެއިން ހަ ގެއެއްގެ މީހުން އެމީހުންގެ ގެތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެ ގެތަކަށް އެ މީހުން ބަދަލު ކޮށްފައިވަނީ ގޭގެ އެސެސްމެންޓްތައް ހެދުމަށް ފަހު ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.
ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި ވަނީ އެކަކު މަރުވެފައެވެ. ނިމިމިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ޖުމްލަ 786 ފަރާތަކުން ވަގުތީ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 450 ފިރިހެނުންނާއި 336 އަންހެނުންނެވެ.
އޭގެ ތެރޭގައި 636 ދިވެހިންނާއި 104 ބަންގްލަދޭޝް މީހުންނާއި 19 އިންޑިއާ މީހުންނާއި 16 ނޭޕާލް މީހުންގެ އިތުރުން 14 ސްރީލަންކާ މީހުންނާއި ފިލިޕީންސްގެ ހަ މީހަކާއި މިސްރަށް ނިސްބަތްވާ އެކަކު ހިމެނޭ ކަމަށް ޑިޒާސްޓަރއިން ވަނީ ބުނެފައެވެ.
މި ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ފޫނުބެއްދޭވަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. ހާދިސާ ގައި ގެއްލުންވި ފަރާތްތަކަށް އަމިއްލަ ފަރުދުން ގިނަ މުއައްސަސާތަކަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.